ކުޅިވަރު

2ވަނަ ބުރަށް ނުދެވުނު ނަމަވެސް ދެއްކުނު ކުޅުމާމެދު ހިންހަމަޖެހޭ - ސަލާއި


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް އިން ދެވަނަ ބުރަން ދަތުރު ނުކުރެވުނު ނަމަވެސް މިފަހަރުގެ މުބާރާތުގައި މަރުގެ ގްރޫޕްގައި ހިމެނި ދެއްކުނު ކުޅުމާއި މެދު ފަހްރުވެރިވާކަމުގައި ހަންގޭރީގެ ފޯވަޑް ރޯލަންޑް ސަލާއި ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕްގެ ފަހު މެޗްގައި ޖަރުމާނުވިލާތާއި ރޭ ބައްދަލުކޮށް އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ގްރޫޕް އެފްގައި ހަންގޭރީ އާއި ޖަރުމަނުވިލާތް ބައްދަލުކުރިމެޗް 2 ލަނޑު 2 ލަނޑުން ވީ އެއްވަރެވެ. ދެވަނަ ބުރަށް ދާން ބޭނުން ކަމަށް ވާނަމަ މޮޅުވުން މުހިންމު މެޗް އެއްވަރު ވުމުން ހަންގޭރީ ވަނީ މިމުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ސަލާއި ހާމަކުރިގޮތުގައި މިފަހަރުގެ މުބާރާތުގައި މުޅި ޓީމް ވަރަށް ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އަދި އެކަމާ ވަރަށް އުފާ ވާކަމަށްވެސް އޭނާ ހާމަކުރިއެވެ. ހަމަ އެއާއެކު މިހާވަރަށް މަސައްކަތް ކޮށް ދެވަނަ ބުރަށް ނުދެވުމުން ދެރަވެސް ވާކަމަށް އޭނާ ހާމަކުރިއެވެ. އޭނާ ހާމަކުރިގޮތުގައި ޔޫރަޕްގެ ފުޓްބޯޅައިގާ ގަދަ ތިން ބާރަކާއި ދެކޮޅަށް ކުޅެ ހަންގޭރީގެ ޓީމްވަނީ ވަރަށް ރަނގަޅަށް ކުޅެ އެތިން ޓީމްވެސް ހާސްކޮށްލާފައި ކަމަށާއި އެހެންކަމުން ކުޅުމާމެދު އެއްވެސް މީހެއްގެ ޝަކުވާއެއް ނެތް ކަމަށެވެ. އަދި މިވަގުތު މިއޮތް ޓީމް މިއޮތީ ވަރަށް ރަނގަޅު ފޯމެއްގާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ހަންގޭރީ ޓީމްގެ ކީޕަރު ޕީޓަރ ގުލާޝީ ހާމަކުރިގޮތުގައި ހަންގޭރީ މިމެޗް ކުޅެމުންދިޔައީ ވަރަށް ބޮޑު ޕްރެޝަރެއްގައި އޮވެގެން ކަމަށާއި ނަމަވެސް އެއާއެކުވެސް އެޓީމުން ޖަރުމަނަށް މާގިނަ ފުރުސަތުތަކެއް ރޭގެ މެޗްގައި ދެވިފައި ނުވާކަމަށެވެ. އަދި ދެވަނަ ބުރަށް ދިއުމާ ހަންގޭރީ ވަރަށް ގާތަށް ދިޔަކަންވެސް އޭނާ ހާމަކުރިއެވެ. އަދި ރޭގެ މެޗް ފެށުނީއްސުރެ އެޓީމުން ފޯކަސް ކުރީ ޖަރުމަނަށް ވުރެ އެޓީމްގެ ކުޅުން ރަނގަޅަށް ކުޅެވޭތޯ ކަމަށެވެ.

ޖަރުމަނުގެ ކޯޗް ޖޯހިމް ލޯ ހާމަކުރިގޮތުގައި ހުރިހާ ކުދި ޓީމްތަކުން އަބަދުވެސް ވަރަށް މަސައްކަތް ކުރާ ކަމަށާއި އަދި ހަންގޭރީއިން ރޭގެ މެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑް ކުރަމުންދިޔަކަން އޭނާ ފާހަގަ ކުރިއެވެ. މިގޮތުން އެޓީމްގެ 10 ކުޅުންތެރިން އެހާފްގައި ޑިފެންޑް ކުރަމުން ދިއުމުގެ ސަބަބުން ކުޅެން ވަރަށް އުނދަގޫ ވިކަމުގައި އޭނާ ހާމަކުރިއެވެ. އަދި މިގްރޫޕުން ދެވަނަ ބުރަށް ދަތުރު ކުރުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ދެން އޮތީ ދެވަނަ ބުރުންވެސް ދެން އޮތް ބުރަށް ދިއުމަށް މަސައްކަތް ކުރުން ކަމަށެވެ. ޖަރުމަނުގެ ޖޯޝުއާ ކިމިޗް ހާމަކުރިގޮތުގައި ހަންގޭރީއިން ރޭގެ މެޗްގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގައި ޖަރުމަނު ޓީމަށް މިމެޗްގައި ވަރަށް އުނދަގޫވެގެންދިޔަކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް މުޅި ޓީމް އެއްކޮށް ކުރި މަސައްކަތުން އެންމެ ފަހު ވަގުތު ދެވަނަ ބުރަށް ދަތުރުކުރީ ކަމަށެވެ. ފަހު 16 ޓީމްގެ ބުރުގައި ޖަރުމަނުވިލާތް ބައްދަލުކުރަން ޖެހެނީ އިންގްލަންޑާއެވެ.