ޚަބަރު

މަރުވެފައިވާ ގިނަ ޢަދަދެއްގެ ކަހަނބާއި މަސް ސްރީ ލަންކާގެ ގޮނޑުދޮށަށް ލައްގަނީ


މަރުވެފައިވާ ގިނަ ޢަދަދެއްގެ ވެލާކަހަނބާއި މަސްމަހާމެހި ސްރީ ލަންކާގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ. އެއާއެކު ސްރީ ލަންކާއަށް ތިމާވެށީގެ ނުރައްކާތެރި ކާރިޘާއަކާ ކުރިމަތިލާން ޖެހިފައިވާކަމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.

ސްރީ ލަންކާގައި ޙަރަކާތްތެރިވާ ތިމާވެއްޓާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މަރުވެފައިވާ 400އަށްވުރެ ގިނަ ވެލާކަހަނބާއި ގިނަ ޢަދަދެއްގެ ކޯމަހާއި ޢާންމުކޮށް ކަނޑުގައި އުޅޭ މަސްމަހާމެހީގެ އިތުރުން ބޮޑު މަހެއްވެސްވަނީ އެ ޤައުމުގެ ގޮނޑުދޮށަށް ލައްގަައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެގެން ލައްގާފައިވާ ވެލާކަހަނބާއި މަސަތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގޮތުން ވެލާކަހަނބުގެ ހަރު ތޮށިގަނޑުތައް ވިރުމާއި ކަރާއި ފައިގެ ބައިތައް ފިހިގެން ބުރިވުން ހިމެނެއެވެ. ސްރީ ލަންކާގެ ސަރުކާރުން ހިންގާ ފަސް ލެބޯޓުރީއެއްގައި ވެލާކަހަނބުތަކާއި މަސްތައް ތަޙްލީލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ޙާލަތު ދެނެގަތުމަށް އދން ފޮނުވި ތަޖުރިބާކާރުންގެ ޚާއްޞަ ވަފުދު ސްރީ ލަންކާގައި ޙަރަކާތްތެރިވަނީ / ވީޑިޔޯ: ރޮއިޓަރސް

ސްރީ ލަންކާއަށް ތިމާވެށީގެ ނުރައްކާތެރި ކާރިޘާއަކާ ކުރިމަތިލާން ޖެހުނީ އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެއްގައި ރޯވެ އަޑިއަށް ދިޔުމުންނެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ޖޫން މަހުގެ 2ވަނަ ދުވަހު އެ ބޯޓު ފެތެން ފެށުމުން ސްރީ ލަންކާގެ އައްސޭރިއާ ދުރަށް އެ ބޯޓު ގެންދިޔުމަށްވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޯޓުގެ ކޮޅުފަސްކޮޅު ކަނޑު އަޑީގައި ޖެހުމުން އެ މަސައްކަތް ނާކާމިޔާބުވިއެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި އެމްވީ އެކްސް-ޕުރެސް ޕަރލުގައި 1،486 ކޮންޓެއިނަރު ބަރުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓުރިކް އެސިޑާއި އެހެނިހެން ކެމިކަލާއި ޕުލާސްޓިކުގެ ބާވަތްތައް ހިމެނެއެވެ. އަލިފާނުގެ ހާދިޘާގެ ސަބަބުން އާގުބޯޓުގައި ހުރި ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. އަދި ކޮންޓެއިނަރުތަކުގައި ހުރި ޕުލާސްޓިކު ޕެލަޓުތަކާއި ވިހަ މާއްދާތައްވަނީ މަސްވެރިކަން ރަނގަޅު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނެގަންބޯގެ ގޮނޑުދޮށަށް ލައްގަމުންނެވެ. އަތިރިމަތި ތަޣައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ބޯޓު ފެތުމުން ސްރީ ލަންކާގެ އައްސޭރިފަށުން ފެށިގެން 80 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަސްވެރިކަން ނުކުރުމަށްވަނީ އަންގައިފައެވެ. އޭގެ އަސަރު މަސްވެރިކަންކުރާ 5،600އަށްވުރެ ގިނަ އުޅަނދަށް ކުރާނެއެވެ.

އދން އެ ޤައުމަށް ކަނޑައަޅާފައިވާ ސަފީރު ހަނާ ސިނގާ ހަނމުދީ ވިދާޅުވެފައިވާ ގޮތުގައި އެ ޙާދިޘާގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއްވަނީ ލިބިފައެވެ. ވިލާތުގެ އިއްތިޙާދުގެ އެހީތެރިކަމާއެކު އދންވަނީ ޙާލަތު ދެނެގަތުމަށް ތަޖުރިބާކާރުންގެ ޚާއްޞަ ވަފުދެއް ސްރީ ލަންކާއަށް ފޮނުވައިފައެވެ.