ޚަބަރު

އަފްޣާނިސްތާނުގައި އެމެރިކާއަށް ޙާޞިލުކުރެވުނު އެއްވެސް ކަމެއް ނެތް


ފާއިތުވި 20 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވި އެމެރިކާގެ ފައުޖުތަކަށް ޙާޞިލުކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް އެ ޤައުމުގެ ކުރީގެ ރައީސް ޙާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުން އެ ޤައުމުން ފޭބުމުގެ މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެސޯސިއޭޓެޑު ޕުރެސްސަށް ކަރުޒާއީ ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ މީގެ 20 އަހަރު ކުރިން އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާން ފެށީ ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކޮށް ޤައުމުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މަޤްޞަދުގައިކަމަށެވެ. ނަމަވެސް އެ ޤައުމުގެ ފައުޖުތަކުން އަފްޣާނިސްތާން ދޫކޮށް ދަނީ އެ މަޤްޞަދުތައް ޙާޞިލުނުކޮށްކަމަށާއި އެ ޤައުމުގައި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ޙާލަތު ރަނގަޅުކުރުމުގައި ނާކާމިޔާބުވެފައިވާކަން އެ ޤައުމުގެ ރައްޔިތުން ޤަބޫލުކުރާކަމަށާއި ޤައުމު އިޞްލާޙުކުރުމުގެ ނަމުގައި އެ ޤައުމުގައި ޙަރަކާތްތެރިވި ބޭރުގެ ވަރުގަދަ ފައުޖުތަކަށް ކުރެވުނީ ކޮންކަމެއްތޯ އަދި ބަދަލުކުރެވުނީ ކޮންކަމެއްތޯ އޭނާ އެއްސެވިއެވެ. އަދި އަފްޣާނިސްތާނުން ބެރުގެ ފައުޖުތައް ފައިބަނީ އެ ޤައުމަށް އިތުރު ނިކަމެތިކަމެއް ދިނުމަށްފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2001ވަނަ އަހަރުން 2014ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގެ ރައީސްކަން ކުރެއްވި ކަރުޒާއީ ވިދާޅުވީ އޭނާ ޤަބޫލުކުރައްވައި ގޮތުގައި އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ފައިބައިގެންކަމަށެވެ. ޤައުމުގައި ޞުލްޙަ ޤާއިމުކުރުމަށް އަފްޣާނިސްތާނުގެ ރައްޔިތުން އެދޭކަމަށާއި ޤައުމުގެ ދިފާޢުގައި ރައްޔިތުން މަސައްކަތްކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައްސަލަތަކަށް އޮތް ޙައްލަކީ އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ލޭއޮހޮރުވުން ހުއްޓައިލުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.