ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހުން ގުއަންޓަނާމޯއަށް ފޮނުވަން ކުރީގެ ސަރުކާރުން މަސައްކަތްކުރި


އެމެރިކާގައި ކޯވިޑް-19 ޖެހޭ މީހުން ގުއަންޓަނާމޯ ބޭއަށް ފޮނުވަން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު މަޝްވަރާކުރެއްވިކަން ހާމަވެއްޖެއެވެ،

ގުއަންޓަނާމޯއަކީ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުން ބަންދުކުރުމަށް ކިޔުބާގައި އެމެރިކާއިން ޤާއިމުކޮށްފައިވާ ޖަލެކެވެ. ބޭރުގެ ހަނގުރާމަތަކުން ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިންނާއި ސެޕްޓެންބަރު 11ގެ ޙަމަލާގައި ބައިވެރިވިކަމަށް ބުނާ މީހުންވެސް ތިބެނީ އެ ޖަލުގައެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ ދަ ވޮޝިންޓަން ޕޯސްޓުގެ ދެ ނޫސްވެރިންކަމަށްވާ ޔާސްމީން އަބޫޠާލިބާއި ދާމިޔަން ޕަލެއްޓާ ލިޔުނު ފޮތެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމެރިކާގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެންފެށުމުން ބަލިޖެހޭ މީހުން ފޮނުއްވާނެ ތަނެއްގެ ގޮތުގައި ޓުރަންޕު ހުށަހެޅުއްވީ ގުއަންޓަނާމޯކަމަށެވެ. އެމެރިކާއަކީ މުދާ އެތެރެކުރާ ޤައުމެއްކަމަށާއި އެ ޤައުމުން ބަލިމަޑުކަމެއް އެތެރެ ނުކުރާނެކަމަށް ޓުރަންޕު ވިދާޅުވިކަމަށް އެ ފޮތުގައި ބުނެފައިވެއެވެ. ޓުރަންޕު އެހެން ވިދާޅުވުމުން އޭނާގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅުންނަށް ސިހުން ލިބުނުކަމަށްވެސް އެ ފޮތުގައި ބުނެފައިވެއެވެ. އަދި ދެވަނަ ފަހަރަށް އެ ގޮތަށް ހުށަހެޅެއްވުމުން އެ ގޮތަށް ކަންތައް ނުކުރެވޭނެކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާކަމަށްވެސް އެ ފޮތުގައި ބުނެފައިވެއެވެ.


އެމެރިކާގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން އެ ފޮތް ލިޔެފައިވަނީ ޓުރަންޕުގެ ކުރީގެ މުޝީރުންނާއި ޞިއްޙީ މާހިރުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެ ފޮތުގައި ބަލާލާފައިވަނީ ޓުރަންޕުގެ ސަރުކާރުން ބަލިމަޑުކަން ފެތުރެން ފެށުމުން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. އެ ފޮތުގައި ބުނެފައިވަނީ ބައްޔަށް ތަޙްލީލުކުރުމަކީ ވެރިކަމުގެ ނިމުމަކަށްވާނެކަމަށް ޓުރަންޕު ވިދާޅުވެފައިވާކަމަށެވެ. އަދި ކުރޫޒު ބޯޓެއްގައި ތިއްބައި ކޯވިޑް-19 ޖެހުނު އެމެރިކާގެ 14 ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް ޙުއްދަ ދިނުމުގައި އިސް ދަޢުރެއް ޢަދާކުރި ސަރުކާރުގެ ބައެއް އިސްވެރިން ވަޒީފާއިން ވަކިކުރުމަށް ޓުރަންޕު ބޭނުންފުޅުވިކަމަށްވެސް ފޮތުގައި ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިން އެ ކަމަށް ހުރަސްއެޅުއްވުމުން އެ ގޮތަށް ޓުރަންޕަށް ޢަމަލު ނުކުރެވުއްނީކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެލާޖީ އެންޑު އިންފެކްޝަސް ޑިޒީސަސްގެ އޭރުގެ ޑިރެކްޓަރު ޑރ. އެންތޮނީ ފައުޗީއާއި އޭނާގެ ދަށުން މަސައްކަތްކުރައްވާ ޞިއްހީ މާހިރުން ދިން ލަފަޔާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ޓުރަންޕު ދެކޮޅުހެއްދެވިކަމަށް ފޮތުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ބަދަލުގައި ޓުރަންޕު އިސްކަން ދެއްވީ އިޤްތިޞާދީ މާހިރުންގެ ލަފަޔަށްކަމަށްވެސް ބުނެފައިވެއެވެ.

ބަލިމަޑުކަމުގެ ޙާލަތު ގޯސްވަމުން ދިޔަ ދުވަސްވަރު އިދާރީ މަސައްކަތުގެ މާޙައުލު އޮތީ ވަރަށް ނުތަނަވަސްކޮށްކަމަށާއި މުވައްޒަފުން މަސައްކަތްކުރީ ވަޒީފާއިން ވަކިކޮށްފާނެކަމުގެ ބިރުވެރިކަމާއެކުކަމަށް އެ ފޮތުގައި ފާހަގަކޮށްފައިވެއެވެ.