ޚަބަރު

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ


މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށެވެ. އަދި މިވަގުތުވެސް ކުއްޖާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެނގިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާގެ ބައެއް ޓެސްޓުތައް ދަނީ ހަދަމުންނެވެ. ފުލުހުން ވިދާޅުވީ، ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރައްވައެވެ.


ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު ޕީ.އެސް.އެމް ނިއުސްއަށް ކިޔައިދިންގޮތުގައި ކުއްޖާގެ ހަށިގަނޑުން ޒަޚަމްތައް ފެންނަން ހުއްޓވެ. އަދި މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ދިރިއުޅެމުންދިޔައީ އާއިލާއާއެކު މާލޭގައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.