ޚަބަރު

ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ: އދ


ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ލިބޭ އަނިޔާތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އދން ބުނެފިއެވެ.

އދން އަހަރަކު އެއްފަހަރު ނެރޭ ޗިލްޑުރަން އެންޑު އާންމުޑު ކޮންފުލިކްޓު، ސީއޭއޭސީ ރިޕޯޓުގައި ބުނެފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައި ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި މަދުވެގެން 19،379 ކުޑަކުދިންނާ ދެކޮޅަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމައިގައި ބައިވެރިކުރުމާއި ޖިންސީ އަނިޔާކުރުންފަދަ ޢަމަލުތައް ހިމެނެއެވެ.

އދން ބުނީ ކުޑަކުދިންނާ ދެކޮޅަށް 26،000އަށްވުރެ ގިނަ ބޮޑެތި އަނިޔާގެ ޖަރީމާތައް ހިންގާފައިވާކަން ކަށަވަރުވެފައިވާކަމަށާއި އޭގެ ތެރެއިން 23،946 ހާދިޘާ ހިނގާފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. އޭގެ ކުރިން 2،479 ހާދިޘާއެއް ހިނގި ނަމަވެސް އެ ހާދިޘާތައް ހިނގިކަން ކަށަވަރު ކުރެވުނީ 2020ވަނަ އަހަރުގެ ތެރޭގައިކަމަށް އދން ބުނެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ހަމަނުޖެހުންތަކާއި ތަޅައިފޮޅުމާއި ޙަމަލާބަދަލުކުރުމުގެ ސަބަބުންނާއި އިންސާނިއްޔަތާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބެލުމެއްނެތި ހިންގާފައިވާ ތަފާތު ޢަމަލުތަކުގެ ސަބަބުން ކުޑަކުދިންގެ ރައްކާތެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އެ ގޮތުން ކުޑަކުދިންނަށް އެންމެ ގިނަ އަނިޔާތަކެއް ދީފައިވަނީ އަފްޣާނިސްތާނާއި ކޮންގޯއާއި ސޯމާލިޔާއާއި ސޫރިޔާއާއި ޔަމަނުގައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަނގުރާމަތަކުގައި 8،400އަށްވުރެ ގިނަ ކުޑަކުދިން މަރުވެ ނުވަތަ ޒަޚަމުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި 7،000އަށްވުރެ ގިނަ ކުޑަކުދިން ހަނގުރާމައިގައި ބައިވެރިކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ހަނގުރާމައިގައި ކުޑަކުދިން އެންމެ ގިނައިން ބައިވެރިކޮށްފައިވަނީ ކޮންގޯއާއި ސޯމާލިޔާއާއި ސޫރިޔާއާއި މިޔަންމާގައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުޑަކުދިން ވަގަށް ނެގުމުގެ ހާދިޘާތައްވަނީ 90 އިންސައްތައަށް އިތުރުވެފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ އަނިޔާތައް ދިނުމުގެ މައްސަލަތައްވަނީ 70 އިންސައްތަ އިތުރުވެފައެވެ. ކުދިން ވަގަށްނެގުމުގެ މައްސަލަތަކާއި ހަނގުރާމައިގައި ބައިވެރިކުރުމާއި ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ކުދިން ހެދުން ގުޅިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އދން ބުނެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުޑަކުދިންގެ ނާޒުކުކަން އިތުރުވެފައިވާކަމަށެވެ. ތަޢުލީމާއި ޞިއްޙަތާއި އިޖުތިމާޢީ ޚިދުމަތްތައް އެ ކުދިންނަށް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި އެ ކުދިންނަށް ލިބޭ ރައްކާތެރިކަން ކުޑަވެ ރައްކާތެރި މާޙައުލުތައްވެސް މަދުވެފައިވާކަމަށް އދން ފާހަގަކުރެއެވެ.

މަދަރުސާތަކާއި ހަސްފަތާލުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައްވެސް ފާއިތުވި އަހަރުގެ ތެރޭގައި އިތުރުވެފައިވާކަމަށް އދން ބުނެފައިވެއެވެ. އެ ގޮތުން އަންހެން ކުދިންގެ ތަޢުލީމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ގިނަ ޙަމަލާތަކެއް ދީފައިވާކަމަށާއި ޞިއްޙީ މަރުކަޒުތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އަސްކަރިއްޔާތަކުން ހަސްފަތާލުތަކާއި މަދަރުސާތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ ކުޑަކުދިންނަށް އަނިޔާ ދިނުމަށް މަގުފަހިކުރާ ސަރުކާރުތަކާއި ޖަމާޢަތްތަކުގެ ނަންތައް ރިޕޯޓުގައި ނުހިމެނުމުން ފާޑުކިޔައިފައެވެ. އެ ގޮތުން ޔަނަމުގައި ގިނަ ޙަމަލާތަކެއް ދެމުންދާ ހޫޘީ ޖަމާޢަތާއި އަފްޣާނިސްތާނާއި ސޫރިޔާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނަންތައް އދން ފާހަގަނުކުރާކަމަށް އެ ޖަމުޢިއްޔާތަކުން ބުނެއެވެ. އަދި ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައްވެސް އދގެ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.