ޚަބަރު

ބެލަރުސްސާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި


އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއާއި ވިލާތުގެ އިއްތިޙާދުން ބެލަރުސްގެ އިދާރާތަކާއި އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ބެލަރުސްސާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ ރަސްމީ 78 ފަރާތަކަށް އެ އިއްތިޙާދުގެ ޤައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ މީހުންގެ މުދާ ހިފެހެއްޓުން ހިމެނެއެވެ. ފިޔަވަޅު އަޅާފައިވާ ރަސްމީ ފަރާތްތަކުގެ ތެރޭގައި ބެލަރުސްގެ ދިފާޢީ ވަޒީރާއި ދަތުރުފަތުރާބެހޭ ވަޒީރާއި ވައިގެ ސިފައިންގެ އިސްވެރިޔާއާއި ފަނޑިޔާރުންނާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން ކުންފުނިތަކާއި ބެންކުތަކާއި ޖަމުޢިއްޔާތައް ހިމެނެއެވެ. އޭގެ އިތުރުން އެ ޤައުމާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އިއްތިޙާދުންވަނީ ތައްޔާރުވެފައެވެ. އެ ގޮތުން ބެލަރުސްގެ މާލީ ދާއިރާއާއި ތެލާއި ދުންފަތުގެ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމަށް ބެލެވެއެވެ. އަދި ހަތިޔާރު ވިއްކުން ހަނިކޮށް ބައެއް މުވާސަލާތީ ސާމާނު ބެލަރުސްސަށް ވިއްކުންވެސް މަނާކުރާނެއެވެ.

އޭގެ އިތުރުން އެމެރިކާއިންވަނީ ބެލަރުސްގެ ރަސްމީ 16 ފަރާތަކާއި ފަސް އިދާރާއަކަށް ފިޔަވަޅު އެޅުމަށް ނިންމައިފައެވެ. އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރަސްމީ ބައެއް ފަރާތްތައް ދަތުރުކުރުން މަނާކޮށް އެ މީހުންގެ މުދާތައް ހިފެހެއްޓުމުގެ އިތުރުން އެ ޤައުމުގެ ތެޔޮ ކުންފުންޏެއްކަމަށްވާ ބީއެންކޭއަށް ފިޔަވަޅުއެޅުން ހިމެނެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއާއި ވިލާތުގެ އިއްތިޙާދުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެލަރުސްގެ ރައީސް އެލެކްސަންދަރު ލުކަޝެންކާ ހުދުމުހުތާރު ސަރުކާރުން އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ ހުރުހާ ޢަމަލުތަކާމެދު ކަންބޮޑުވާކަމަށެވެ. އަދި ދީމިޤްރާތީ ހަމަތައް ޤާއިމުކުރުމަށް ބެލަރުސްގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުތަކުން ބައިވެރިވާކަމަށާއި ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފަށް ބެލަރުސްސުން ކުރަމުންދާ ކަންކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ އެކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުޙްމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ. ލުކަޝެންކާއާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅުގެ ގިނަ ޢަދަދެއްގެ ސީޔާސީވެރިން މިހާރުވަނީ ޖަލަށްލައި ނުވަތަ ޤައުމު ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ބެލަރުސްގެ ސަރުކާރާ ދެކޮޅު ޝުޢޫރުތައް ޝާޢިރުކުރާ ބުލޮގަރެއްކަމަށްވާ ރޮމަން ޕުރޮޓަސެވިޗު ގުރީސުން ލިތުއޭނިޔާއަށް ދަތުރުކުރަމުންދިޔަ ރަޔަން އެއަރގެ މަތިންދާބޯޓު ބެލަރުސްގެ ވައިގެ ސަރަޙައްދަށް ވަނުމުން އޭގައި ބޮމެއް އޮތްކަމަށް ބުނެ ބެލަރުސްގެ މިންސްކުގެ ވައިގެ ބަނދަރަށް ޖެއްސުމަށް ލުކަޝެންކާގެ ސަރުކާރުން މަޖުބޫރުކޮށް، ޕުރޮޓަސެވިޗުވަނީ ޙައްޔަރުކޮށްފައެވެ. އެ ހާދިޘާއާ ގުޅޭ ތަހުޤީޤަށް ލުކަޝެންކާ އެއްބާރުލުން ދެއްވުމަށް ހުޅަނގުން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ހުރިހާ ސިޔާސީ ހައްޔަރީން ވަޤުތުން ދޫކޮށްލައި ބެލަރުސްގެ އިދިކޮޅު ފަރާތްތަކާއެކު ހަރުދަނާ ސިޔާސީ މަޝްވަރާތަކެއް ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.