ޚަބަރު

މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ މޫނަށްވަނީ ބޮޑެތި އަނިޔާތަކެއް ދީފައި


މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އައި.ޖީ.އެމް.އެޗަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން ޓެސްޓްތަކެއް ހަދަމުންދާކަން އެނގިއްޖެއެވެ.

13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށެވެ. އަދި މިވަގުތުވެސް ކުއްޖާގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައިކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެނގިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާގެ ބައެއް ޓެސްޓުތައް ދަނީ ހަދަމުންނެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް ހޮސްޕިޓަލުންވެސް ފުލުހުންވެސް އަދި ހާމައެއް ނުކުރައްވައެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު ޕީ.އެސް.އެމް ނިއުސްއަށް ކިޔައިދިންގޮތުގައި ކުއްޖާގެ ހަށިގަނޑުން ޒަޙަމްތައް ފެންނަންހުރިކަމަށް އެނާ ބުންޏެވެ. އަދި މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އެނާ ބުންޏެވެ.

އެނގިފައިވާ ލިބިފައިވާގޮތުގައި ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އެންމެ ކުޑައިރުން ފެށިގެންވެސް ދިރިއުޅެމުންދިޔައީ އާއިލާއާއެކު މާލޭގައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.