ޚަބަރު

ވެނެޒުއޭލާ އޮތީ އެމެރިކާއިން އެއްބަސްވުމެއް ހުށަހަޅާނެކަމުގެ އުންމީދުގައި


2017 ވަނަ އަހަރުން ފެށިގެން ވެނިޒުއޭލާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ނެގުމާއިމެދު ދެ ޤައުމުގެ މެދުގައި އެއްބަސްވުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

ޓީވީ އިންޓަރވިއުއެއްގައި މަދޫރޯ ވަނީ މި ފިޔަވަޅުތަކަކީ އިންސާނިއްޔަތާއި ޚިލާފު ފިޔަވަޅުތަކެއް ގޮތުގައި ސިފަކުރައްވައި، މި ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑުގެ މި ބަލިމަޑުކަމުގެ ތެރޭގައި ޤައުމަށް އެންމެ ބޮޑު ޢާމްދަނީ ލިބޭ ސިނާޢަތްތައް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިކަމަށް ވިދާޅުވެފައެވެ.

މި އިންޓަވިއުގައި ނިކޮލަސްވަނީ ވެނިޒުއޭލާގެ ތެލާއި، ރަން އަދި ދަނގަޑާއި އެހެނިހެން ތަކެތި ނުވިއްކި، ބައިނަލްއަޤުވާމީ ބާޒާރުން ޢާމްދަނީއެއް ނުހޯދޭނަމަ އެޤައުމުގެ ދަރަނި ދައްކާނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ. އަދި މި ޙާލަތު ބަދަލު ކުރަންޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އުވާލުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވުމަށް ޤާއިމުކުރެވިއްޖެނަމަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ޤައުމު ހުޅުވާލެވި ވަޒީފާތައް އުފެދި އުނދަގޫ ދުވަސްތައް ނެތިގެން ހިނގައިދާނެކަމަށް ވެސް ނިކޮލަސް ވަނީ ވިދާޅުވެފައެވެ.

ވެނިޒުއޭލާގެ ބިން ވެގެންދާނީ ފުރުޞަތުތައް ގިނަ ބިމަކަށްކަމަށާއި ވެނިޒުއޭލާގައި އިންވެސްޓް ކުރުމަށް އެމެރިކާގެ އިންވެސްޓަރުންނަށްވެސް ދަޢުވަތު ދެއްވާކަމުގައި ނިކޮލަސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ބޭއްވި އިންތިޙާބުން ވެނިޒުއޭލާގެ ރައީސްކަމަށް ނިކޮލަސް އިންތިޙާބު ވެ ވަޑައިގަތް ނަމަވެސް އެޤައުމުގެ ކުރީގެ ރައީސް ޖުއާން ގުއައިޑޯ ވަނީ އެ އިންތިޚާބަކީ ސައްޚަ އިންތިޚާބެއް ނޫންކަމަށްބުނެ ވަގުތީ ރައީސަކީ އޭނާކަމުގައި 2019 ވަނަ އަހަރު ޖެނުއަރީމަހު އިޢުލާނު ކޮށްފައެވެ. މިއާއެކު ވެނެޒުއޭލާވަނީ ސިޔާސީ ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސަކީ ޖުއާން ކަމަށް ޤަބޫލުކޮށް ނިކޮލަސްއާއި ދެކޮޅަށް މަސައްކަތް ކޮށްފައެވެ. އޭގެފަހުން ޖެނުއަރީ މަހު އެމެރިކާގެ ވެރިކަމާއި ޙަވާލުވި ޖޯ ބައިޑަންވެސް ވަނީ ޖުއާން ޤަބޫލުކޮށް ނިކޮލަސްއާއެކު މަޝްވަރާތައް ކުރުންވެސް ހުއްޓާލާފައެވެ.

ނިކޮލަސްގެ ވެރިކަން ބަދަލުކޮށް ޖުއާންއަށް ވެރިކަން ހޯދާދިނުމުގެ މަޤުޞަދުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނިޒުއޭލާއާއި ދެކޮޅަށް އެމެރިކާއިންވަނީ އެކި ފަހަރުމަތިން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އެމެރިކާއިން މި ފިޔަވަޅުތައް އަޅާފައިވަނީ ތެލާއި ރަން އަދި އެހެނިހެން ވިޔަފާރިތަކުން ނާޖާއިޒު ފައިދާއެއް ނިކޮލަސްއަށް ނުލިބޭނެކަން ޔަޤީން ކުރުމުގެ ގޮތުންނެވެ.

އިޤްޠިޞާދީ މާހިރުން ދެކޭ ގޮތުގައި އެމެރިކާއިން އަޅާފައިވާ މި ފިޔަވަޅުތައް ވެނެޒުއޭލާގެ އިޤްޠިޞާދު ދަށްވުމުގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. އަދި މީގެ ސަބަބުން އެމެރިކާއިން އެ ޤައުމަށް ދޭ އެހީތައްވެސް މަދުނުވާކަމަށާއި 2017 އާއި 2019 އާއި ދެމެދު އެމެރިކާއިން ވަނީ 656 މިލިއަން ޑޮލަރުގެ އެހީ ވެނިޒުއޭލާއަށް ދީފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.