ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅުނު މަސް ބޯޓެއް އަތުލައިގެންފި


ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެމްއެންޑީއެފުންވަނީ ހާމަކުރައްވާފައެވެ.

އެމްއެންޑީއެފުން ވިދާޅުވާގޮތުގައި މި މަސްބޯޓު ފެނިފައިވަނީ ލ.އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށްކިޔާ ދޯންޏަށެވެ. މި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައިކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މި މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންކަމަށާ، މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެދަށަށް ގެންދިޔައިރު ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.