މުނިފޫހިފިލުވުން

"ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ އަގުބޮޑުގެ 20 މިލިއަނަށް


މަޝްހޫރު ސިޓްކޮމް ސީރީޒް "ފްރެންޑްސް" ތަރި މެތިއު ޕެރީ ލޮސް އެންޖަލިސްގައި ހުންނަ އޭނާގެ އެންމެ އަގުބޮޑު ކޮންޑޯ 21.6 މިލިއަން ޑޮލަރަށް ވިއްކާލާއިފިއެވެ. މި ގެ ވިއްކާލާފައިވަނީ އޮރިޖިނަލް އަގަށްވުރެ 30 އިންސައްތައް ދަށް އަގެއްގައެވެ.

9290 ސްކެއަރ ފޫޓުގެ މި ގެއަކީ ސެންޗުއަރީ ސިޓީގައި ހުންނަ 42 ބުރީގެ ސެންޗުއަރީ ބިލްޑިންގެ 40 ވަނަ ފަންގިފިލާއެވެ. މި ގެ ވިއްކާލަން ފުރަތަމަ ފަހަރަށް އިޢުލާނުކޮށްފައިވަނި 2019 ވަނަ އަހަރު އޯގަސްޓު މަހު 35 މިލިއަން ޑޮލަރަށެވެ. އަދި މިއީ ލޮސް އެންޖަލިސްގައި ހުރި އެންމެ އަގުބޮޑު އިމާރާތެވެ.

2010 ވަނަ އަހަރު ޢިމާރާތްކޮށްފައިވާ މި ގޭގައި ހަތަރު ކޮޓަރިއާއި ދެ ފާޚާނާ، ފަޔަރ ޕްލޭސް، ޑްރެސިންގް ރޫމް، ގޭމް ރޫމް، ބަދިގެ އަދި ސްކްރީނިން ރޫމެއް ހުރެއެވެ. އަދި މުޅި ސިޓީ ފެންނަގޮތަށް ހުންނަ ބޮޑު ކޮޓަރިއެއްވެސް މިގޭގައި ހުންނަކަމަށްވެއެވެ.

މެތިއު ޕެރީ އެންމެފަހުން ފެނިގެންގޮސްފައިވަނީ "ފްރެންޑްސް" ގެ އޮރިޖިނަލް ކާސްޓުންނާއިއެކު "ފްރެންޑްސް: ދަ ރީ ޔޫނިއަން" އިންނެވެ. ލިއަނާޑޯ ޑިކްޕެރިއޯ ތިމޮތީ ޗަލް މެޓް އަދި އޭރިއާނާ ގްރެންޑޭ އާއެކު މެތިއު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޑޯންޓް ލުކް އަޕް" އިންނެވެ.