ކުޅިވަރު

ވިކްޓަރީ ބަލިކޮށް، ނިއުރޭޑިއަންޓް އަލުން ލިގުގެ އެއްވަނަޔަށް


ހަނިގޮތަކަށް ވިކްޓަރީ
އަތުން އެކެއް ސުމަކުން މޮޅުވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން އުރީދޫ
ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަޔަށް ޖެހިލައިިފިއެވެ.

 އިއްޔެ ހަވީރު ކުޅުނު މެޗުން
މޮޅުވެ ޓީސީ ލީގުގެ އެއްވަނަޔަށް ޖެހިލާފައިވަނިކޮށް، ނިއުރޭޑިއަންޓް އަލުން
ލީގުގެ އެއްވަނަ މަގާމަށް ގެންގޮސްދިން ގޯލް ޖަހައިދިނީ މެޗުގެ ފުރަމަ ހާފުގައި
ކެޕްޓަން އައްސަދް އަލީ އެވެ. މިއީ އަލީ ފާސިރު ޖެހި ބޯޅައެއް ވިކްޓަރީގެ ކީޕަރު
މަތަކުރުމުން ނުކުތް ވަގުތުން ބޯޅަ އަލުން ގޯލުގެ ތެރެޔަށް ވައްދާލައިގެން އޭނާ
ކާމިޔާބުކުރި ގޯލެކެވެ.



ޓީމްގެ ކޯޗުގެ އިރުޝާދާ
ނުލާ ނިއުރޭޑިއަންޓަށް ކުޅެން ޖެހުނު މި މެޗުގައި އެ ޓީމުން ވަނީ ގޯލް ޖަހާނެ ގިނަ
ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އޭގެ ތެރެއިން އަލީ ފާސިރަށް ރަނގަޅު ދެތިން ފުރުސަތު މެޗުގައި ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
ވިކްޓަރީންވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.



މެޗަށްފަހު ނިއުރޭޑިއަންޓުގެ
މެނޭޖަރ އަމީން ފައިސަލް ވަނީ މީޑިޔާއަށް ރަނގަޅު ޖަވާބެއް ދިނުމަށް ދެކޮޅު
ހަދާފައެވެ. ކޮންމެ ސުވާލެއްގެ ޖަވާބެއްގައިވެސް އޭނާ ބުނެފައިވަނީ "ބުނާނެ
އެއްޗެއް ނެތް"ކަމަށެވެ.



ވިކްޓްރީގެ ޓްރެއިނަރ
އަހުމަދު މުޖުތަބާ ބުނީ ވިކްޓްރީއަށް މެޗުގެ ތެރެއަށް ވަދެވުނީ ތަންކޮޅެއް
ލަހުންކަމަށާ އެހެންނަމަވެސް ރަނގަޅު ކުޅުމެއް ވިކްޓަރީގެ ފަރާތުން
ފެނިގެންދިޔަކަމަށެވެ. އަދި މެޗުގައި ރަނގަޅަށް ނުކުޅެވުނީ ވިކްޓަރީ ކުޅެން
އުޅުނަސް ދެންތިބި ބަޔަކު ފުޓްބޯޅަ ކުޅެން ނޫޅުމުންކަމަށް މުޖުތަބާ ބުންޏެވެ. އޭނާ
އިޝާރާތް ކުރީ ނިއުރޭޑިއަންޓަށް ކަމަށް ބެލެވެއެވެ.



އެންމެ ފަހު ތިން ފަހަރުވެސް
ލީގް ހޯދި ނިއުރޭޑިއަންޓް އޮތީ 29 ޕޮއިންޓާއެކު ލީގު އެއްވަނައިގަ އެވެ.



ދެވަނައިގައި އޮތީ 27
ޕޮއިންޓާއެކު ޓީސީ އެވެ. ނިއުރޭޑިއަންޓަށް ލީގުގައި ކުރިޔަށް އޮތީ އުނދަގޫ ދެ
މެޗެވެ. ދެން އޮތް މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލްކުރަން ޖެހެނީ
މާޒިޔާއާ އެވެ. ލީގުގެ ފަހު މެޗުގައި ނިއުރޭޑިއަންޓް ނުކުންނާނީ ޓީސީއާއި
ދެކޮޅަށެވެ.



ރޭގެ މެޗުން ބަލިވި
ވިކްޓަރި އޮތީ 13 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގަ އެވެ.