ރާއްޖެއިން އިތުރު 253 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބާލާއިރު ވޭތުވެދިޔަ 24ގަޑިއިރު މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބަށް ބަލާއިރު އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް 253 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 35 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 164 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 3 މީހެކެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުމިވަނީ 72،149އަށް އަރާފައެވެ.
ބައްޔަށް މިވަގުތު ޕޮޒިޓިވްވެފަ ތިބި މީހުންގެ ޢަދަދަކީ 4،784އެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 44މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވުމާއެކު، މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
769 މީހުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރެއަށް ބަލާއިރު ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 67،148އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،296 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 206އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 188 ދިވެހިންނާ 18 ބިދޭސީންނެވެ.