ޚަބަރު

ބޮޑުވަޒީރު ނުކުމެ ލީބިޔާގެ ހުޅަނގާއި އިރުމަތީގެ ސަރަޙައްދުތައް ގުޅުވާދީފި


ލީބިޔާގެ ހުޅަނގާއި އިރުމަތީގެ ސަރަޙައްދުތައް ގުޅުވައިދޭ މައިމަގު އަލުން ހުޅުވާލާފައިވާކަމަށް އެ ޤައުމުގެ ގުޅިފައިވާ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބައިބާ ވިދާޅުވެއްޖެއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ލީބިޔާ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވެއްޓުމުން އެ ޤައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުންތައްވަނީ އުފެދުނެވެ. އެ ގޮތުން ލީބިޔާގެ އުތުރާއި ދެކުނުގައި ވެރިކަން ކުރަމުންދިޔަ ދެ ސަރުކާރުކަމުގައިވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި ލީބިޔަން ނޭޝަނަލް އާމީ، އެލްއެންއޭއިން ދިޔައީ ޤައުމުގެ ވެރިކަމަށް އައުމަށް ހަނގުރާމަކުރަމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ޙަމަލާތައް ބަދަލުކުރުން ހުއްޓައިލައިފައެވެ. ދަބައިބާ ވިދާޅުވީ ހުޅަނގާއި އިރުމަތީގެ ސަރަޙައްދުތައް ގުޅުވައިދޭ މައިމަގު ހުޅުވާފައިވަނީ ޙަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް އދގެ އެހީތެރިކަމާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށެވެ. އޭނާ ވިދާޅުވީ ލީބިޔާގެ ހުޅަނގުގައި އޮންނަ މިޞްރާތާއާއި މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮންނަ ސިރުތާ ދެމެދު އޮންނަ މަގު ހުޅުވައިލުމަކީ އެ ޤައުމުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާ ކައިރިއަށް އެޅޭ ފިޔަވަޅެއްކަމަށެވެ. ޤައުމުގެ ހުޅަނގާއި އިރުމަތީގެ ސަރަޙައްދުތައް ގުޅުވައިދޭ މުހިންމު މަގެއް ހުޅުވުމުގައި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލީބިޔާގެ ހުޅަނގާއި އިރުމަތީ ސަރަޙައްދުތައް ގުޅުވައިދޭ މައިމަގު ހުޅުވާލާފައިވަނީ ލީބިޔާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ޖަރުމަނުވިލާތުގެ ބަރލިންގައި ދުނިޔޭގެ ބާރުތަކުން ބައްދަލުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މަގު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަގުގެ ހުޅަނގު ފަޅީގެ އެންމެ ފަހު ޗެކުޕޮއިންޓު ކައިރީގައި ހުރި ހުރަސްތައް ބުލްޑޯޒަރު ބޭނުންކުރައްވައިގެން ނެންގެވީ ދުބައިބާއެވެ.

ހުރަސްތައް އެއްފަރާތްކޮށް މައިމަގު ހުޅުވިކަން އިޢުލާންކުރުމުން އިދިކޮޅު ޚަލީފާ ހަފުތާރުގެ އެލްއެންއޭއިން ބުނީ އެއީ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އެލްއެންއޭއިންވަނީ ލީބިޔާގެ އިންތިޤާލީ ސަރުކާރު ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވައިފައެވެ. މީގެ ކުރިން އެލްއެންއޭއިންވަނީ އެ ޤައުމުގެ ބަޖެޓު ފާސްކުރުމަށް ދަބައިބާ ކުރެއްވި މަސައްކަތްތަކަށް އެތައް ހަފުތާއެއް ވަންދެން ހުރަސްއަޅައިފައެވެ. އޭގެ އިތުރުން ލީބިޔާގެ ދެކުނުގެ ސަރަޙައްދުތައް އަސްކަރީ ފައުޖުތައް ފޮނުވުމަށްފަހު އެ ޤައުމާ އަލްޖީރިޔާއާ ގުޅޭ ސަރަޙައްދީ ރޮނގުވެސް އެލްއެންއޭއިންވަނީ ބަންދުކޮށްފައެވެ.