ޚަބަރު

އީރާނުގެ ނިޔުކްލިޔަރ އެއްބަސްވުމުގެ މުހިންމު މާއްދާތަކަށް އަދިވެސް އެއްބަހެއް ނުވެވޭ


ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ވެފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ކުރަމުންދާ މަޝްވަރާތަކުގައި މައިގަނޑު މައްސަލަތަކާ ގުޅޭގޮތުން ނިންމުމަކާ ހަމައަށް އަދިވެސް ނާދެވޭކަމަށް އެމެރިކާއިން ބުނެފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަލުން އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އަދި އެއްބަސްވުމަށް އަލުން ޢަމަލުކުރާނެ ގޮތްތަކާމެދު ދުނިޔޭގެ ބާރުތަކުން ދަނީ މިދިޔަ އޭޕުރިލް މަހުން ފެށިގެން އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި އިރާނާއެކު މަޝްވަރާތައް ކުރަމުންނެވެ.

ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ މައިގަނޑު މައްސަލަތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އޭގެ ތެރޭގައި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްބަސްވުމުގެ ދަށުން އީރާނުން ކުރުމަށް އެއްބަސްވާ ކަންކަމާ ގުޅޭ މަޝްވަރާތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާތަކުގެ 6ވަނަ ބުރު ޖޫން މަހުގެ 20ވަނަ ދުވަހު ނިންމާލި ނަމަވެސް ދެން ބާއްވާ މަޝްވަރާތަކުގައި މުހިންމު ކުރިއެރުންތައް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ސަލިވަން ވިދާޅުވިއެވެ. އަދި އެކަން ޙާޞިލްކުރުމަށް އީރާނުން ނިންމަންޖެހޭ އުނދަގޫ ނިންމުންތައް ނިންމައިގެން މަޝްވަރާގެ 7ވަނަ ބުރަށް ހާޒިރުވާނެކަމަށް އުންމީދުކުރައްވައިކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫން މަހުގެ 18ވަނަ ދުވަހު ބޭއްވި އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހީމު ރައީސީ އަންނަ އޮގަސްޓު މަހުގެ ތެރޭގައި މަޤާމާ ޙަވާލުވެވަޑައިގަންނަވާނެއެވެ. އިންތިޚާބުގެ ސަބަބުން މަޝްވަރާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެކަމަށް ޤަބޫލުކުރައްވަންތޯ އެހުމުން ސަލިވަން ވިދާޅުވީ ނިޔުކްލިޔަރ އެއްބަސްވުމާބެހޭ ނިންމުންތައް ނިންމަވާނީ އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ސަބަބުން ނިޔުކްލިޔަރ އެއްބަސްވުމާގުޅޭ ނިންމުންތައް ނިންމުމަށް އަސަރުކުރާނެކަމަށް ޤަބޫލުނުކުރައްވައިކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ބައިވެރިއެއްކަމަށްވާ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ ޖޮސެޕު ބޮރެލްވެސްވަނީ އެ މޭރުމުން ވާހަކަދައްކަވައިފައެވެ. ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހުންނަވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާވްވެފައިވާކަމަށާއި އެކަން ހާޞިލުކުރެވިއްޖެނަމަ މެދުއިރުމައްޗަށް ރައްކާތެރިކަން ލިބި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ދަތިތަކަކާ ކުރިލަމުންދާ އީރާނުގެ އެތައް މިލިޔަން ރައްޔިތުންނަކަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ. އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވަނިކޮށް އިންތިޚާބުގެ ނަތީޖާގެ ސަބަބުން އެއަށް ބުރޫ އަރާނެކަމަށް ޤަބޫލުނުކުރައްވައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒާރިފުވެސް ވިދާޅުވީ އެއްބަސްވުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ގިނަ ތަފާތުތަކެއް ހުރި ނަމަވެސް ދުވަހަކަށްވުރެ ދުވަހަކު ކުރިއެރުންތަކެއް ލިބެމުންދާކަމަށާއި އޮގަސްޓު މަހުގެ މެދުތެރޭގައި އައު ރައީސް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެއްބަސްވުމާ ގުޅޭގޮތުން ގޮތެއް ނިންމޭނެކަމަށް ޤަބޫލުކުރައްވައިކަމަށެވެ. އަދި އެއްވެސް މައްސަލައަކީ ޙައްލުނުކުރެވޭވަރުގެ މައްސަލައެއްކަމަށް ޤަބޫލުނުކުރައްވައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.