ޚަބަރު

ބޭނުންވަނީ ޞުލްޙަވެރިކަމާއެކު އިސްލާމީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް: ޠާލިބާން


އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް އެ ޤައުމުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން އެހެން ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން އިތުރުވެފައިވަނީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވާފައިވަނިކޮށެވެ. މެއި މަހުގެ 1ވަނަ ދުވަހު ބޭރުގެ ފައުޖުތައް ބޭލުމުގެ މަސައްކަތް ފެށިފަހުން އަފްޣާނިސްތާނުގެ ސަރުކާރުގެ ބާރުގެ ދަށުގައި ކުރިން އޮތް 40 ސަރަޙައްދެއް ޠާލިބާނުންގެ ބާރުގެ ދަށަށްވަނީ ގެނެސްފައެވެ.

ޞުލްޙައިގެ މަޝްވަރާތަކުގައި ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެކަމާމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. އަދި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުން އެދޭ ކަންތައްތައް ލިޔުމެއްގެ ގޮތުގައި ހުށަހެޅުމަށް އެދުމުން އެ ޖަމާޢަތުންވަނީ އެކަމާ ދެކޮޅުހަދައިފައެވެ.

ޠާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ޤައުމުން ފޭބުމުން ޢަމަލުކުރާނެ ނިޒާމަކާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާކަމަށެވެ. އަދި ޠަލިބާނުން ބޭނުންވަނީ އަފްޣާނިސްތާނުގައި އިސްލާމީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް އޮތް ޙައްލަކީ އެއީކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޞުލްޙައިގެ ވާހަކަތަކުގައި ޠާލިބާނުން ބައިވެރިވުމާއި އެއްބާރުލުން ދިނުން ދޭހަކޮށްދެނީ ދެ ފަރާތުން ވާހަކަދައްކައިގެން އެއްބަސްވެވޭގޮތަކަށް މައްސަލަތައް ޙައްލުކުރުމަށް އެ ޖަމާޢަތުން ބޭނުންވާކަންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

2001ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވުމުގެ ކުރިން ޠާލިބާނުން އެ ޤައުމުގައި ތަންފީޒުކޮށްފައިވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. އެ ގޮތުން އަންހެން ކުދިން މަދަރުސާތަކަށް ދިޔުން މަނާކުރުމާއި ގެއިން ބޭރުގައި އަންހެނުން މަސައްކަތްކުރުން މަނާކުރުމުގެ އިތުރުން މަހުރަމަކާ ނުލައި އަންހެނުންނަށް ބޭރަށް ނުކުތުން އޮތީ މަނާކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިދިޔަ މެއި މަހުގެ ތެރޭގައި ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ލިބިފައިވާ ކުރިއެރުންތައް އެމެރިކާގެ ސިފައިން އެ ޤައުމުން ފޭބުމުން ގެއްލޭނެކަމަށް ބެލެވޭކަމަށެވެ. އެކަމަށް ރައްދުދެމުން ޠާލިބާނުން ބުނެފައިވަނީ އިސްލާމީ ވެރިކަމެއް ޤާއިމުކުރި ނަމަވެސް އަންހެނުންނާއި މީސްމަދު އާބާދީތަކަށާއި ޚާރިޖީ ފަރާތްތަކަށާއި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި ފިރިހެނަކަސް އަންހެނަކަސް ދީނުގެ ހުދޫދުތަކާއި ޤައުމުގެ ޘަޤާފަތާއި އެއްގޮތަށް ލިބެންޖެހޭ ޙައްޤުތައް ޢަދާކޮށްދޭނެކަމަށެވެ. އަދި އަންހެނުންނަށް މަސައްކަތްކުރުމަށާއި ތަޢުލީމު ހާޞިލުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށްވެސް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

އަފްޣާސްނިތާނުގައި ޙަމަލާބަދަލުކުރުން އިތުރުވެފައިވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީއާއި އެ ޤައުމުގެ ހައި ކައުންސިލް ފޮރ ނޭޝަނަލް ރީކޮންސިލިއޭޝަންގެ މުޤައްރިރު އަބްދުﷲ އަބްދުﷲއާ ބައްދަލުކުރެއްވުމަށް ނިންމަވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އަފްޣާނިސްތާނުން އެމެރިކާގެ ފައުޖުތައް ފޭބި ނަމަވެސް އަފްޣާނިސްތާނަށް ބޭނުންވާ ހާރިޖީ، އިޤްތިޞާދީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ބައިޑަން ދެއްވާނެކަމަށް ބެލެވެއެވެ. އެ ބައްދަލުވުމަކީ އަފްޣާނިސްތާނަށް ފައިދާކުރާނެ ބައްދަލުވުމެއް ނޫންކަމަށް ޠާލިބާނުންވަނީ ބުނެފައެވެ.