ޚަބަރު

ލުބުނާނުގައި ސަރުކާރެއް ޤާއިމުނުކުރެވެނީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން: ވިލާތުގެ އިއްތިޙާދު


ލުބުނާނުގައި ސަރުކާރެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކުރިއެރުމެއް ނުލިބެނީ އެ ޤައުމުގެ ސިޔާސީވެރިންގެ މެދުގައި ދެބަސްވުންތައް އިތުރުވުމުގެ ސަބަބުންކަމަށް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ ޖޮސެޕު ބޮރެލް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ލުބުނާނުގެ ރައީސް މިޝާލް ޢައޫންނާއި ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރުމަށް ނިންމާފައިވާ ސަޢުދު އަލްޙަރީރީއާއި ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީހު ބާރީއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ބޮޑު ގޮވުމަށްފަހު އެ ޤައުމުގެ ސަރުކާރު އިސްތިޢުފާ ދިނެވެ. ލުބުނާނުގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރަންޖެހޭނީ ސުންނީ މުސްލިމެކެވެ. އެހެންކަމުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލުބުނާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ސަޢުދު އަލްޙަރީރީ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ ނިންމައިފައެވެ. އޭގެ ފަހުން ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ސަރުކާރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ.

ލުބުނާނުގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ދިރިއުޅެނީ ފަޤީރުކަމުގެ ޙާލަތުގައެވެ. އެ ޤައުމުގެ ފައިސާގެ އަގުވަނީ 90 އިންސައްތަ ވެއްޓިފައެވެ. ތަކެތީގެ އަގު އާދަޔާ ޚިލާފަށް އުފުލި ކާބޯތަކެއްޗާއި ހަކަތަ ލިބުމުގައި ލުބުނާނުގެ ރައްޔިތުންނަށްވަނީ ބޮޑެތި ދަދިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ލުބުނާނުގެ ސިޔާސީ އިސްވެރިންގެ މެދުގައި އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެނަމަ އިންދަޖެހިފައިވާ ލުބުނާނުގެ އިޤްތިޞާދު އެއްކޮށް ހުއްޓުމަކަށް އައުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ބޮރެލް ވިދާޅުވިއެވެ. އަދި އައު ސަރުކާރެއް ޤާއިމުކުރުމަށް ހުރަސްއަޅާނަމަ އެ ޤައުމުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާކަމެއްކަމަށް ބޮރެލް ވިދާޅުވިއެވެ. ލުބުނާނުގެ މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ހަރުދަނާ ސަރުކާރެއްގެ މޭސްތިރިކަން ބޭނުންވާކަމަށާއި ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވެއްޖެނަމަ ބޭރު ޤައުމުތަކުގެ އެހީތެރިކަން ނުލިބޭނެކަމަށްވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

އޭގެ އިތުރުން ލުބުނާނުގެ ވެރިކަމުގެ ނިޒާމު އެކުލަވާލާފައިވާ ގޮތާމެދު ސިޔާސީވެރިންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރިކަމަށް ބޮރެލް ފާހަގަކުރެއްވިއެވެ. ވެރިކަމުގެ ބާރުތައް ބެހިފައި އޮންނަ ގޮތާމެދު ހިތްހަމަނުޖެހުންތައް ހުރިކަމަށާއި އެކި ދީންތަކުގެ ސިޔާސީވެރިންގެ މެދުގައި އިތުބާރު ކުޑަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަންނީ މާހިރުން ހިމެނޭގޮތަށް ފުރިހަމަ ބާރުތަކެއް ލިބިފައިވާ ސަރުކާރެއް އެކުލަވާލުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ލުބުނާނަށް ބޭނުންވާ އެހީތައް ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާކަމަށްވާ އައިއެމުއެފާ ގުޅިގެން މަސައްކަތްކުރާނެ ސަރުކާރެއް މުހިންމުކަމަށާއި ޚިޔާނާތާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ސަރުކާރެއް އޮތުން މުހިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކި ދީންތަކަށް ނިޞްބަތްވާ ސިޔާސީވެރިންގެ މެދުގައި ދެބަސްވުންތައް އޮތްކަމަށް ބެލެވުނު ނަމަވެސް ލުބުނާނުގެ އެންމެ ބޮޑު ނަޞާރާ ސިޔާސީ ޕާޓީކަމަށްވާ ފުރީ ޕެޓުރިޔޯޓިކް މޫވުމަންޓުގެ އިސްވެރިޔާ ޖިބްރާން ބާސިލުވަނީ އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތުގައި ޙަރީރީއަށް އެހީތެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެއެވެ. ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަކަށް ހުރަސްއަޅަނީ ސިޔާސީ ހަތުރުންކަމަށް އޭނާ ވިދާޅުވިއެވެ. ޢައޫންގެ ދަނބިދަރިކަލުންކަމަށްވާ ބާސިލް ވިދާޅުވީ އޭނާގެ ޕާޓީން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްތަކަށް ގިނަ ދޫތަކެއް ދީފައިވާކަމަށާއި އެ ޕާޓީގެ ވާގިވެރިއެއްކަމަށްވާ ޝީޢީންގެ ހިޒްބުﷲ ޖަމާޢަތުންވެސް އެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެދިފައިވާނެކަމަށެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ބޭނުންވަނީ ރައީސްގެ ބާރުތައް ކަނޑާލައި ރައީސް އެއްފަރާތްކުރުމަށްކަމަށްވެސް އޭނާ ތުޙްމަތުކުރެއްވިއެވެ.