ޚަބަރު

އިޓަލީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ޝަކުވާއެއް ނެތް: މަންޗީނީ


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި އިޓަލީވިލާތާއި ވޭލްސް ބައްދަލުކުރި މެޗްގައި އިޓަލީވިލާތުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި އެކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށް ކޯޗް ރޮބާޓޯ މަންޗީނީ ބުނެފިއެވެ. މަންޗީނީ މިހެން ބުނެފައިމިވަނީ ރޭގެ މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

މުހިންމު ބައެއް ކުޅުންތެރިންނާއި ނުލާ ރޭ ވޭލްސް އާއި ބައްދަލުކުރި މެޗް އިޓަލީވިލާތުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މަންޗީނީ ބުނީ ރޭގެ މެޗްގައި ލަނޑު ޖަހަން ލިބުނު ބައެއް ފުރުސަތު ތަކުގެ ބޭނުން ނުހިފި ދިޔަ ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިންވެސް ވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ކުޅެފައިކަމަށެވެ. އަދި ކުޅުންތެރިން ބަދަލު ކުރި ނަމަވެސް ޓީމްގެ އައިޑެންޓިޓީ ގެއްލޭވަރު ކޮށްފައި ނުވާނެކަމަށާއި މިމެޗްގައި އަލަށް އެރި ކުޅުންތެރިންނަށްވެސް އެކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭނެކަމަށެެވެ.

ވޭލްސްގެ ކޯޗް ރޮބަޓް ޕޭޖް ބުނީ އެޓީމުން ބޮޑަށް ބެލީ މެޗް ބޮޑަށް ހުޅުވިގެންދިޔަ ނުދީ ބައިކޮޅަށް ގިނަ ލަނޑު ތަކެއް ވަނަ ނުދީ ކުޅެވޭތޯ ކަމަށެވެ. އަދި ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފައްދާ އިޓަލީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ކަމަށްވެސް އޭނާ ހާމަކުރިއެެވެ. އަދި ރަތް ކާޑަށްފަހު އެޓީމަށް އިތުރަށް އުނދަގޫތަކާއި ކުރިމަތިވި ކަމަށާއި ނަމަވެސް މިމެޗްގައި އެޓީމުން ރަނގަޅަށް ޑިފެންޑު ކުރެވުނު ކަމަށް ޕޭޖް ހާމަކުރިއެެވެ.

ރޭގެ މެޗާއެކު އިޓަލީވިލާތް މިވަނީ ބަލިނުވެ 30 މެޗް ހަމަކޮށްފައެެވެ. މިއާއެކު އެޓީމްވަނީ 1930ގެ އަހަރުތަކުގެ ތެރޭގައި އެޓީމްގެ ކޯޗަކަށް ވިޓޯރިއާ ޕޮއްޒޯ ހުރި އިރު ހަދާފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެެވެ. އަދި މިއީ ޖެހިޖެހިގެން ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލި އެގާރަ ވަނަ މެޗެވެ. މިކާމިޔާބީއާއެކު އިޓަލީވިލާތް މިފަހަރުގެ ޔުރޯގެ ގްރޫޕް މަރްހަލާ ނިންމާލީ ކުޅުނު ތިންމެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މިއީ ޔޫރޯ މުބާރާތުގެ ގްރޫޕް މަރްހަލާގައި އިޓަލީވިލާތް އެންމެ ކާމިޔާބުކޮށް ނިންމާލި ފަހަރެވެ. އަދި މިމެޗުން ބަލިވުމާއެކުވެސް ވޭލްސްވެސްވަނީ ފަހު 16 ޓީމްގެ ބުރުން ޖާގަހޯދާފައެެވެ.