ޚަބަރު

ހިޔާ ފްލެޓްތަކުގެ ގުރުއަތު ނަގަން އަލުން ފަށަނީ


ހިޔާ މަޝްރޫޢުގެ އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ގުރުއަތު ނެގުން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ހާމަކުރައްވައިފިއެވެ. ގުރުއަތު ނަގަން އަލުން ފަށަނީ ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ގާތްގަޑަކަށް 1 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

އެޗްޑީސީން ވިދާޅުވީ އަލުން ގުރުއަތު ނަގަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވީހާވެސް މަދުބައެއްގެ ބައިވެރިވުމާއެކުގައިކަމަށެވެ. އެގޮތުން މިހާރު ގުރުއަތު ނުނިމި ހުރި ކެޓަގަރީތަކުގެ ގުރުއަތުނެގުން މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުރުއަތު ނަގާ ކެޓަގަރީތައް

  • އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީ – އެޗް.6
  • 18އަހަރާއި 40އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީ - އެޗް.7
  • މާލެ ރަށްވެރިންނަށް ޚާއްސަ ކެޓަގަރީ – އެޗް.8
  • ދަފްތަރު ކެޓަގަރީ – އެޗް.9
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ - އެޗް.10
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ
  • މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚާއްސަ

ގުރުއަތު ނަގަން މާދަމާ ހަމަޖެހިފައިވާއިރު ގުރުއަތުގައި ހިމެނޭ ފަރާތްތަކުގެ ލިސްޓް އެޗްޑީސީން އަންނަނީ އާއްމުކުރަމުންނެވެ. އެގޮތުން ކުރިން މިއަދު ނެގުމަށް ހަމަޖެހިފައި އޮތް ގުރުއަތުގެ ލިސްޓްގައި ހިމެނެނީ 514 މީހެކެވެ.

އެޗްޑީސީން ވިދާޅުވީ ފުލުހުންނަށް ޚާއްސަ ލިސްޓު ފިޔަވައި، ދެން ހުރި ކެޓަގަރީތަކަކީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވެރިފައިކުރުމަށް ފަހު، އިތުރަށް ފޮނުވާފައިވާ ލިސްޓުތައް ކަމަށެވެ. އަދި އެލިސްޓުގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ކުރިއެކޭ އެއްގޮތަށް އައިޑީކާޑު ނަމްބަރު ތަރުތީބުންނެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި އަންނަ މަހުގެ މެދުތެރޭގައި ސޮއިކުރަން ނިންމާފައިވާއިރު މިހާރުވަނީ އެއްބަސްވުމުގެ ޑްރާފްޓެއް އާއްމުކޮށްފައެވެ. ހިޔާ ފްލެޓްގެ 6720 ފްލެޓްގައި މީހުން އުޅުމަށް ދޫކުރަންވަނީ ހަމަޖެހިފައެވެ. ފްލެޓްގެ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާއާއި ސާރވިސް ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ފިނިޝިން މަސައްކަތް ނިންމަން ދޭ ތިން މަހުގައި އެތަންތަނުން އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.