ޙައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ދަޢުލަތާއެކު ކޯވިޑް-19ގެ ވެކްސިން ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުން ފަލަސްޠީނުގެ ސަރުކާރުން އުވާލައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ޔަހޫދީންވަނީ ފައިޒަރ ވެކްސިނުގެ ގާތްގަނޑަކަށް 1 މިލިޔަން ޑޯޒު ދިނުމަށް ހުށަހަޅައިފައެވެ. ބަދަލުގައި ޔަހޫދީން އެދުނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަލަސްޠީނަށް ލިބެން އޮތް ވެކްސިންގެ ޑޯޒުތައް ދިނުމަށެވެ. އެކަމަށް ފަލަސްޠީނުގެ ސަރުކާރުން އެއްބަސްވެފައެވެ.
ފަލަސްޠީނުގެ ސަރުކާރުން ޤާއިމުކުރި އެއްބަސްވުމަށް ފަލަސްޠީނުގެ ޢާންމުންގެ ގިނަ ބަޔަކު ހިތްހަމަނުޖެހި އަޑުއުފުލާފައިވެއެވެ. އެ ގޮތުން ފަލަސްޠީނުން ބަލައިގަތުމަށް އެއްބަސްވެފައިވަނީ ފެންވަރު ދަށް ވެކްސިންކަމަށާއި އޭގެ ސަބަބުން ވެކްސިން ރަނގަޅަށް މަސައްކަތް ނުކުރުމުގެ ފުރުޞަތު އޮތްކަމަށް ބުނެ ގިނަ ބަޔަކުވަނީ އަޑުއުފުލައިފައެވެ.
އޭގެ ފަހުން އިސްރާއީލުންވަނީ ވެކްސިންގެ 90،000 ޑޯޒު ފަލަސްޠީނަށް ފޮނުވައިފައެވެ. ފަލަސްޠީނުގެ ޞިއްޙާތާބެހޭ ވުޒާރާގެ ފަންނީ މާހިރުން ބެލިބެލުމުން އެއްބަސްވުމުގައި ބުނެފައިވާ މިންގަނޑުތަކަށް އިސްރާއީލުން ފޯރުކޮށްދީފައިވާ ވެކްސިންތައް ނުފެތޭކަމަށާއި މުއްދަތު ހަމަވާން ކައިރިވެފައިވާކަންވަނީ ފާހަގަވެފައެވެ. އެހެންކަމުން ފަލަސްޠީނުގެ ސަރުކާރަށްވަނީ ޔަހޫދީންނާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރަން މަޖުބޫރުވެފައެވެ. އޭގެ
އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކަށް ވެކްސިން ފޯރުކޮށްދެމުންނުދާތީ ދުނިޔޭގެ ފާޑުކިޔުންވަނީ ޔަހޫދީންނަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އޭގެ އިތުރުން ޔަހޫދީންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބަދަލުގައި އިތުރުވެފައިވާ ވެކްސިނުގެ ޑޯޒުތައް ހުޅަނގުގެ ރަޙްމަތްތެރި ޤައުމުތަކަށް ހަދިޔާކޮށްފައެވެ.
9 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިސްރާއީލުގެ 55 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒުވަނީ ދީފައެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ އެންމެ 270،000 މީހުންނެވެ.