އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަމާބެހޭ އިސް ދެ ވަޒީރެއް ބަދަލުކޮށްފިއެވެ.
އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ފައުޖުތަކާއި ޠާލިބާނުންނާ ދެމެދު ޙާމަލާ ބަދަލުކުރުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ އިތުރުން އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން ބުނީ 2018ވަނަ އަހަރުން ފެށިގެން ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި އަސަދުﷲ ޚާލިދުގެ ބަދަލުގައި އެ މަޤާމަށް ޖެނެރަލް ބިސްމިﷲ ޚާން މުޙައްމަދީ ޢައްޔަނުކޮށްފައިވާކަމަށެވެ. ބިސްމިﷲ ޚާން މުޙައްމަދީއަކީ 1990ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ކުރި ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ބޭފުޅެކެވެ. އޭނާއަކީ މީގެ ކުރިން އަފްޣާނިސްތާނުގެ ދިފާޢީ އަދި ދާޚިލީ ވުޒާރާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 2001ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާން ފެށުމުން ޠާލިބާނުގެ ބާރު ކުޑަވި ދުވަސްވަރު އޭނާވަނީ ސިފައިންގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވައިފައެވެ.
އޭގެ އިތުރުން ޣަނީވަނީ ދާޚިލީ ވަޒީރުގެ މަޤާމަށް ޖެނެރަލް އަބްދުއްސައްތާރު މިރުޒަކްވަލް ޢައްޔަނުކުރައްވައިފައެވެ. އޭނާއަކީ މީގެ ކުރިން ގިނަ ޢަދަދެއްގެ ސަރަޙައްދީ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ވަޒީރުންގެ މަޖިލީހަށް ގެނެސްފައިވާ ބަދަލުތައް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ.
އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން އިތުރުވެފައިވަނީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވާފައިވަނިކޮށެވެ. މެއި މަހުގެ 1ވަނަ ދުވަހު ބޭރުގެ ފައުޖުތައް ބޭލުމުގެ މަސައްކަތް ފެށިފަހުން އަފްޣާނިސްތާނުގެ ސަރުކާރުގެ ބާރުގެ ދަށުގައި ކުރިން އޮތް 40 ސަރަޙައްދެއް ޠާލިބާނުންގެ ބާރުގެ ދަށަށްވަނީ ގެނެސްފައެވެ.