ޚަބަރު

241 ކޮމިޓީން އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް ހެޑްކްއާޓާޒްއަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކޮމިޓީގެ ފަރާތުން ބައެއް މެންބަރުން އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް ހެޑްކްއާޓާޒް އަށް ޒިޔާރާތްކޮށްފިއެވެ.

އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް ހެޑްކްއާޓާޒްއަށް ޒިޔާރަތް ކުރެއްވި 241 ކޮމިޓީގެ މެންބަރުންގެ ތެރޭގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހިމެނެއެވެ.

241 ކޮމިޓީގެ ބައެއް މެންބަރުން އެމް.އެން.ޑީ.އެފްގެ އިންޓެގްރޭޓެޑް ހެޑްކްއާޓާޒްއަށް ކުރެއްވި މިޒިޔާރަތާ ގުޅޭގޮތުން އެމް.އެން.ޑީ.އެފުން އަދި އެއްވެސް މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ.

241 ކޮމިޓީގެ އިންކުއަރީގައި ބަލަމުންދަނީ ރައިސް ނަޝީދުއަށް ހަމަލާ ދިން ވަގުތު އެމަނިކްފާނުގެ ސެކިއުރިޓީ ފެޅިފައިވާ ގޮތާއި އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން އިހުމާލުވެފަ ހުރިގޮތްތަކެވެ.

241 ކޮމިޓީންވަނީ އެކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މީގެކުރިން ސިފައިންގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. ނަމަވެސް އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާ ސުވާލުކޮށްފައި ނުވެއެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް މިހާރު ވަނީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. މީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރނަރ އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ. އަދި އެންމެ ފަހުން އެ ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފައިވަނީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއެވެ.

241 ކޮމިޓީންވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭ ކަމަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަން ހާމަކުރައްވާފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.