ޚަބަރު

ރައީސީ: އުއްތަމަ ފަނޑިޔާރުކަމުން އިރާނުގެ ވެރިކަމަށް


އީރާނުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން އިބްރާހީމު ރައީސީއަށް ކާމިޔާބުކުރައްވައިފިއެވެ.

އިތުރު ތިން ބޭފުޅުންނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރައީސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން ވަޤުތީ ނަތީޖާތަކުން ދައްކައެވެ. ވަޤުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ރައީސީއަށް ވޯޓުގެ 62 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. އެއީ ގާތްގަނޑަކަށް 17.8 މިލިޔަން ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އީރާނުގެ އެކްސްޕީޑިއަންސީ ކައުންސިލްގެ އިސްވެރިޔާ މުޙްސިން ރިޒާއީއަށް ލިބިވަޑައިގަތީ 3.3 މިލިޔަން ވޯޓެވެ. އަދި އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިންމަތީއަށް ލިބިވަޑައިގަތީ 2.4 މިލިޔަން ވޯޓެވެ. އިންތިޚާބުގައި އެންމެ ފުލަށް ދިޔަ އާމީރު ޙުސައިން ގަޒީޒަދާހު ހާޝިމީއަށް ލިބިވަޑައިގަތީ އެއް މިލިޔަނެއްހާ ވޯޓެވެ. އިންތިޚާބުގައި ދެން ވާދަކުރެއްވި ތިން ކެނޑިޑޭޓުންވަނީ ވޯޓުލުމުގެ ކުރިން ނަން އަނބުރާ ގެންގޮސް ރައީސީއަށް ތާޢީދުކުރާކަން އިޢުލާންކޮށްފައެވެ.


އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 59 މިލިޔަން މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 28 މިލިޔަން މީހުންނެވެ. ނަމަވެސް އެއީ 1979ވަނަ އަހަރުން ފެށިގެން އީރާނުގެ އިންތިޚާބެއްގައި ވޯޓުލި އެންމެ ދަށް ޢަދަދެވެ. އެހެން އިންތިޚާބުތަކާ ޚިލާފަށް ބޭރު ފަރާތްތަކުން މި އަހަރުގެ އިންތިޚާބުގެ ވާނުވާ ބަލާފައެއް ނުވެއެވެ.

އީރާނުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ރައީސީއަށް އިންތިޚާބު ކާމިޔާބުވެފައިވާކަން ޔަޤީންވުމުން އޭނާއާ ވާދަކުރެއްވި ބޭފުޅުންވަނީ އޭނާއަށް މަރުޙަބާ ކިޔުއްވައިފައެވެ. އީރާނުގެ މިހާރުގެ ރައީސް ޙަސަން ރޫޙާނީވެސްވަނީ އޭނާއަށްފަހު ރައީސްކަމާ ޙަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ޔަޤީންވެފައިވާކަމަށް ވިދާޅުވެ ޢާންމުންގެ ނިންމުމަށް މަރުޙަބާ ކިޔުއްވައިފައެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އުމުރުން 60 އަހަރުގެ ރައީސީވަނީ ފަނޑިޔާރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވައިފައެވެ. އޭނާއަށް މެދުމިނުގެ ފިކުރުގެ ސިޔާސީ އިސްވެރިންގެ ތާޢީދު ވަރަށް ބޮޑަށް އޮވެއެވެ. ރައީސީއަކީ ދީނީ ތަޢުލީމާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އާޔަތުﷲ ޚާމަނާއީއަށްފަހު އީރާނުގެ އެންމެ އިސްވެރިޔާގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް އެންމެ ބޮޑަށް ބެލެވެނީ ރައީސީއެވެ.

އީރާނުގެ މަޝްހަދަށް އުފަންވެވަޑައިގެންނެވި ރައީސީވަނީ 1979ވަނަ އަހަރުގެ އިސްލާމީ އިންޤިލާބުގެ ދުވަސްވަރު ދަޢުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ. އޭގެ ފަހުން އީރާނުގެ އެކި ސަރަޙައްދުތަކުގައި ވަކީލެއްގެ ގޮތުގައި އޭނާވަނީ މަސައްކަތްކުރައްވައިފައެވެ. ޕުރޮސެކިޔުޓަރުގެ ނައިބުގެ މަޤާމަށް ޢައްޔިންކުރުމުން އީރާނުގެ ވެރިރަށް ތެހްރާނަށް ރައީސީ ދިރިއުޅުން ބަދަލުކުރެއްވީ 1985ވަނަ އަހަރުގެ ތެރޭގައެވެ.

1988ވަނަ އަހަރުގެ ތެރޭގައި ގިނަ ޢަދަދެއްގެ ސިޔާސީ ކުށްވެރިން މެރުމުގައި ރައީސީވަނީ އިސް ދަޢުރެއް އަދާކުރައްވާފައިވާކަމަށް ބުނެއެވެ. އެ ތުޙްމަތުތަކާ ގުޅޭގޮތުން އޭނާ މިހާތަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެ މައްސަލައިގައި އެމެރިކާއިންވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

ތެހުރާނުގެ ޕުރޮސެކިޔުޓަރުގެ މަޤާމުގެ އިތުރުން ޖެނެރަލް އިންސްޕެކުޝަން އޯގަނައިޒޭޝަންގެ އިސްވެރިޔާގެ މަޤާމާއި ސުޕެޝަލް ކޯޓު އޮފް ދަ ކުލާޖީގެ ޕުރޮސެކިޔުޓަރު ޖެނެރަލްގެ މަޤާމާއި އުއްތަމަ ފަނޑިޔާރުގެ ނައިބުގެ މަޤާމުވެސް ރައީސީވަނީ ފުރުއްވައިފައެވެ. އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީވަނީ އީރާނުގެ މުހިންމު ބިނާއެއް ބެލެހެއްޓުމުގެ ޒިންމާވެސް ރައީސީއަށް ދެއްވައިފައެވެ. އޭގެ އިތުރުން އެތައް ބިލިޔަން ޑޮލަރަކާ ގުޅުންހުރި ޖަމުޢިއްޔާތަކުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވަނީ ރައީސީއަށެވެ.

2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސީވަނީ މިހާރުގެ ރައީސް ޙަސަން ރޫޙާނީއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ. އެ ފަހަރު އޭނާއަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 38 އިންސައްތައެވެ. އެއީ ގާތްތަނޑަކަށް 16 މިލިޔަން ވޯޓެވެ. އީރާނުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އޭނާ ޢައްޔަންކުރީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އެއާއެކު ވައްކަމާއި ޚިޔާނާތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް އޭނާވަނީ ކުރައްވައިފައެވެ. އޭގެ ސަބަބުން އާންމުންގެ މެދުގައި އޭނާ މަޤުބޫލުވެފައިވަނީ އެފަދަ ކަންކަމާ ދެކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާގެ ވެރިކަމެއްގައި 2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުންވެފައިވާ ނިޔުކްލިޔަރ އެއްބަސްވުން ދަމަހައްޓަވާނެކަމަށްވެސް ރައީސީވަނީ ވިދާޅުވެފައެވެ.