ޚަބަރު

ވިއެޓުނާމުގައި މީސްމީޑިޔާ ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ މިންގަނޑުތަކެއް ކަނޑައަޅައިފި


ވިޔެޓުނާމުގައި މީސްމީޑިޔާ ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ ޤައުމީ މިންގަނޑުތަކެއް ކަނޑައަޅައިފިއެވެ.

ވިޔެޓުނާމުން އެފަދަ ފިޔަވަޅެއް އަޅާފައިވަނީ އެ ޤައުމުގެ ރައްޔިތުން އެ ޤައުމާ ގުޅޭގޮތުން މީސްމީޑިޔާގައި ރަނގަޅު މަޢުލޫމާތުތަކެއް ޙިއްޞާކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ޤައުމާ ގުލޭގޮތުން ނޭދެވޭ ވާހަކަތައް މީސްމީޑިޔާގައި ޙިއްޞާކުރާނަމަ ސަރުކާރުގެ މުވައްޒަފުން އެކަން ބަލައި އަންގަންޖެހޭ ވުޒާރާތަކަށް އެކަން އަންގަން ޖެހޭގޮތަށްވަނީ ކަނޑައަޅައިފައެވެ.

ވިޔެޓުނާމުން އެކުލަވާލި މިންގަނޑުތަކުގައި ބުނެފައިވާގޮތުން ޤާނޫނާ ޚިލާފު އަދި ޤައުމުގެ މަސްލަޙަތަށް ގެއްލުންވާފަދަ މަޢުލޫމާތުތައް މީސްމީޑިޔާގައި ޝާޢިރުކުރުން މަނާވާނެއެވެ. އެ ގޮތުން ސަރުކާރުގެ އިދާރާތަކާއި މީސްމީޑިޔާ ކުންފުނިތަކާއި އެފަދަ ކުންފުނިތަކުގެ ޚިދުމަތްތައް ވިޔެޓުނާމުގައި ބޭނުންކުރާ ހުރިހާ މީހުން އެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.

ވިޔެޓުނާމުގެ ގުދުރަތީ ރީތިކަމާއި އެ ޤައުމުގެ މީހުންނާއި ޘަޤާފަތާބެހޭ މަޢުލޫމާތު ޙިއްޞާކުރުމަށް އަލަށް އެކުލަވާލި މިންގަނޑުތަކުގައި ބާރުއަޅައިފައިވެއެވެ. އެ މިންގަނޑުތައް ތަންފީޒުކުރާނީ ކޮން ގޮތަކަށްކަމެއް އަދި އެ މިންގަނޑުތަކާ ޚިލާފުވާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

ވިޔެޓުނާމުގައި ވެރިކަންކުރާ ކޮމިޔުނިސްޓު ޕާޓީއަކީ ފާޑުކިޔުންތައް ބަލައިގަންނަ ޕާޓީއެއް ނޫނެވެ. އެ ޕާޓީން ނޫސްތަކާއި ޚަބަރުފަތުރާ ވަޞީލަތްތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ. ފާއިތުވި އަހަރުތަކުގައި އެ ޤައުމުގެ ސަރުކާރުންވަނީ ފޭސްބުކާއި ޔޫޓިޔުބުގައި ފަތުރާފައިވާ މަޢުލޫމާތުތަކާ ގުޅިގެން ބައެއް މީހުންނަށް ދިގު ޖަލު ޙުކުމުތައް ކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ފޭސްބުކުގައި ޝާޢިރުކުރާ ސިޔާސީ މަޢުލޫމާތުތައް ސަރުކާރުން ބޭނުންވާ ގޮތަށް ސެންސަރު ނުކުރާނަމަ ފޭސްބުކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެ ޤައުމުން ދީފައިވެއެވެ.