ޚަބަރު

ބަލިމަޑުކަމުގެ ޙާލަތުގައި ހިޖުރަކުރަން މަޖުބޫރުވި މީހުންގެ ޢަދަދު އިތުރުވެއްޖެ


ދުނިޔޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރުމަށް މަޖުބޫރުވެފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އދން ބުނެފިއެވެ.

އދން ބުނީ ހަނގުރާމައާއި ހަމަނުޖެހުމާއި ފުރައްސާރަކުރުމާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހުނު މީހުންގެ ޢަދަދު ފާއިތުވި 10 އަހަރުގެ ތެރޭގައި ދެ ގުނައަށް އިތުރުވެފައިވާކަމަށެވެ. އެފަދަ ސަބަބުތަކާހުރެ މިދިޔަ އަހަރުގެ ތެރޭގައި ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވި މީހުންގެ ޢަދަދު 82.4 މިލިޔަނަށް އިތުރުވެފައިވާކަމަށް އދން ބުނެއެވެ. އޭގެ ތެރެއިން 42 އިންސައްތައަކީ ކުޑަކުދިންނެވެ.

އދގެ ހިޖުރަވެރިންނާބެހޭ އެންމެ އިސްވެރިޔާ ފިލިއްޕޯ ގުރާންޑީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިޔަ ޙާލަތުގައި 3 މިލިޔަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުވިކަމަށެވެ. އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ސޫރިޔާއާއި ވެނެޒުއެލާއާއި އަފްޣާނިސްތާނާއި ދެކުނު ސޫދާނާއި މިޔަންމާއަށް ނިޞްބަތްވާ މީހުންކަމަށް އދން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވާ މީހުންގެ ޢަދަދު އަދިވެސް ދަނީ އިތުރުވަމުންކަމަށާއި 2021ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ގުރާންޑީ ވިދާޅުވިއެވެ.

ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި އުތުރު މޮޒަންބީކާއި ހުޅަނގު އެފްރިކާގެ ސަހެލް ސަރަޙައްދާއި އިތިޔޯޕިޔާގެ ޓިގްރާއީފަދަ ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް އިތުރުވުން ހިމެނޭކަމަށް ގުރާންޑީ ވިދާޅުވިއެވެ. ގިނަ އަހަރުތަކެއް ވަންދެން ހަމަނުޖެހުންތައް ހިނގަމުންދާ އަފްޣާނިސްތާނާއި ސޯމާލިޔާގެ ޙާލަތު އިތުރަށް ގޯސްވުމުގެ ސަބަބުންވެސް އެ ޢަދަދުތައް އިތުރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ސެޕުޓެންބަރު މަހުގެ ތެރޭގައި އެމެރިކާއާއި ބައިނަލްއަޤްވާމީ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެ ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވެދާނެކަމަށް އދން ތައްޔާރުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުވާ މީހުންނަށް އިޚްތިރާމުކޮށް އެ މީހުންނާމެދު ރަނގަޅަށް ޢަމަލުކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ގުރާންޑީ ވިދާޅުވިއެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އިތުރަށް ދަތިކޮށް ދުއްތުރާކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެ މީހުންނަކީވެސް އިންސާނުންކަމަށް ދެކިގެން އެފަދަ މީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ޤައުމުތަކުން މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ހިޖުރަވެރިންނާބެހޭ އދގެ އިދާރާ، ޔޫއެންއެޗުސީއާރުގެ ރިޕޯޓެއްގައި ބުނެފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައި އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން އެހެން ތަނެއްގައި ރަސްމީކޮށް ވަޒަންވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ އެންމެ 34،400 މީހުންނަށްކަމަށެވެ. އެ މީހުން ވަޒަންވެރިވެފައިވަނީ އެމެރިކާއާއި ކެނެޑާއާއި ވިލާތުގެ ޤައުމުތަކުގައެވެ. އެ ޢަދަދަކީ އޭގެ ކުރީ އަހަރަށްވުރެ ތިންބައިކުޅަ އެއްބައި މަދު ޢަދަދެކެވެ.