ޚަބަރު

އޮކްޓޯބަރު މަހުގެ ތެރޭގައި ބަލީގެ ތިންވަނަ ރާޅެއް އިންޑިޔާގައި ފެތުރިދާނެކަމުގެ ބިރު


އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކޯވިޑް-19ގެ ތިންވަނަ ރާޅެއް އިންޑިޔާގައި ފެތުރޭނެކަމަށް ޞިއްޙީ މާހިރުން ލަފާކޮށްފިއެވެ.

ޖޫން މަހުގެ 3ވަނަ ދުވަހާއި 17ވަނަ ދުވަހާ ދެމެދު އިންޑިޔާގެ ޙާލަތާ ގުޅޭގޮތުން ދުނިޔޭގެ 40 ޞިއްޙީ މާހިރުންނާއި ސައިންސުވެރިންވަނީ ދިރާސާއެއްކޮށްފައެވެ. އެ ދިރާސާގައި ބައިވެރިވި މާހިރުންގެ 85 އިންސައްތަ ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިޔާގައި އަލުން ބަލިފެތުރެންފަށާނެކަމަށް ބެލެވޭކަމަށެވެ. ބައެއް މާހިރުންވަނީ އޮގަސްޓު ނުވަތަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ތިންވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބުނެފައެވެ.

ދިރާސާގައި ބައިވެރިވި މާހިރުންގެ ތެރެއިން 70 އިންސައްތަ މީހުން ބުނީ ފާއިތުވި ދުވަސްތަކުގައި ވެކްސިނާއި ބޭހާއި އޮކްސިޖަނާއި ހަސްފަތާލުތަކުގައި އެނދުތައް ލިބުމަށް ދަތިވެފައިވަނިކޮށް ބަލިފެތުރުމުން ކުރި އަސަރަށްވުރެ ބަލިފެތުރުމުން ދެން ކުރާނެ އަސަރު ކުޑަވާނެކަމަށެވެ. އަދި ވެކްސިން ދީފައިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ޢަދަދުވެސް ކުރިއަށްވުރެ މަދުވާނެކަމަށް ބައެއް މާހިރުން ލަފާކުރެއެވެ. ބަލީގެ ދެވަނަ ރާޅުގައި ބަލިޖެހުނު މީހުންނަށްވެސް ޤުދުރަތީގޮތުން ކޮންމެވެސް މިންވަރެއްގެ ދިފާޢީ ބާރެއް ލިބިފައިވާނެކަމަށް ސައިންސުވެރިން ބުނެއެވެ.

އިންޑިޔާގައި މިހާތަނަށް ވެކްސިންގެ ހުރިހާ ޑޯޒެއް ހަމަކޮށްފައިވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 950 މިލިޔަން މީހުންގެ އާބާދީގެ އެންމެ 5 އިންސައްތައެވެ. އެތައް މިލިޔަން މީހުން އަދިވެސް ތިބީ އެއްވެސް ރައްކާތެރިކަމެއް ނެތި ބައްޔަށް ހުށަހެޅިފައެވެ. ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ޤައުމުގައި ވެކްސިން ދެމުންދާ މިންވަރު އިތުރުވާނެކަމަށް ޞިއްޙީ ގިނަ މާހިރުން ޤަބޫލުކުރެއެވެ. ވެކްސިން ދެމުންދާ މިންވަރު އިތުރު ކުރި ނަމަވެސް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގައި ފަރުވާތެރިވުމަށް ޞިއްހީ ތަޖުރިބާކާރުން ނަސޭހަތްތެރިވެއެވެ.

ގިނަ ސައިންސުވެރިން ޤަބޫލުކުރާ ގޮތުގައި ބަލިމަޑުކަމުގެ ތިންވަނަ ރާޅެއްގައި ކުޑަކުދިންނަށް އަސަރުކުރާ މިންވަރު އިތުރުވާނެއެވެ. ކުޑަކުދިންނަށް ދޭނެ ވެކްސިނެއް މިހާތަނަށް އުފެއްދިފައި ނެތްކަމަށާއި އެ ކުދިން ނުރައްކަލަށް ހުށަހެޅޭ މިންވަރު އިތުރުވާނެކަމަށް ދިރާސާގައި ބައިވެރިވި މާހިރުންގެ ތިންބައިކުޅަ ދެބައި އެއްބަސްވެއެވެ. 18 އަހަރުން ދަށުގެ ކުދިންނަށް ބަލިޖެހޭ މިންވަރު އިތުރުވެއްޖެނަމަ ކުޑަކުދިންނަށް އައިސީޔޫގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށްވެސް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ކުރިޔަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައިވެސް ކޯވިޑް-19ގެ ނުރައްކާ އިންޑިޔާއަށް އޮތްކަމަށް ގިނަ މާހިރުން ޤަބޫލުކުރެއެވެ. އެ ނުރައްކާ ދެ އަހަރަށް ނުވަތަ ތިން އަހަރަށް ދެމިގެންދާނެކަމަށް ބައެއް މާހިރުން ބުނެފައިވެއެވެ. އަދި ދުވަހަކުވެސް ބަލިމަޑުކަމުގެ ޙާލަތުން އަރައިނުގަނެވޭނެކަމަށް އޭގެ ތެރެއިން ދެ ސައިންސުވެރިން ބުނެފައިވެއެވެ.