ޚަބަރު

އެންމެ ހަލުވިކޮށް ފެތުރެނީ އިންޑިޔާގައި ފެތުރެމުންދާ ބަލީގެ އައު ވައްތަރު: ޑަބުލިޔުއެޗުއޯ


އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ އައު ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއަންޓަކީ ކުރިއަށް އޮތްތަނުގައި ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރޭނެ ކޯވިޑް-19ގެ ވައްތަރުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.

އިނގިރޭސިވިލާތުންވަނީ އެ ޤައުމުގައި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބުނެފައެވެ. ޖަރުމަނުވިލާތުންވެސް ބުނީ އެ ޤައުމުގައި ވެކްސިން ދެމުންދާ މިންވަރު އިތުރުވި ނަމަވެސް ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓު ފެތުރެމުންދާކަމަށެވެ. ރަޝިޔާގައިވެސް ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރު އިތުރުވެ ބަލިމަޑުކަމުގެ ތިންވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ޑަބުލިޔުއެޗުއޯގެ އިސް ސައިންސުވެރިޔާ ސޯމުޔާ ސުވާމިނަތަން ވިދާޅުވީ ޑެލްޓާ ވޭރިއަންޓުގެ ވާރުތަވުމުގެ ބާރުގަދަކަމަށާއި އޭގެ ސަބަބުން ދުނިޔޭގައި އެންމެ ބޮޑަށް ފެތުރޭ ބަލީގެ ވައްތަރަށް އެ ވޭރިއަންޓުވަމުންދާކަމަށެވެ. ސުވާމިނަތަންވަނީ ޖަރުމަނުވިލާތުގެ ކުންފުންޏަކުން އުފައްދާފައިވާ ކިޔޯވެކް ވެކްސިން ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދަށްވުމުން އެކަމާ ހިތާމަކުރައްވައިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޑަބުލިޔުއެޗުއޯއިން ބަލައިގަންނަ މިންގަނޑުކަމަށްވާ 50 އިންސައްތައަށްވުރެ އެ ވެކްސިންގެ ކާމިޔާބީގެ ނިޞްބަތް ދަށްކަމަށެވެ.

ކިޔޯވެކް އުފެއްދުމަށް ބޭނުންކޮށްފައިވަނީ ކާމިޔާބީގެ ނިޞްބަތް 90 އިންސައްތައިގައި ހުންނަ ފައިޒަރ ވެކްސިނާއި މޮޑާނާ ވެކްސިން އުފެއްދުމަށް ބޭނުންކޮށްފައިވާ އެމުއާރުއެންއޭ ޓެކުނޮލޮޖީއެވެ. އެހެންކަމުން އެފަދަ ނަތީޖާތައް ކިޔޯވެކުންވެސް ލިބޭނެކަމަށް އުންމީދުކުރެވުނުކަމަށް ސުވާމިނަތަން ވިދާޅުވިއެވެ. ނަމަވެސް އެހެން ވެކްސިންތަކުގައި ބޭނުންކޮށްފައިވާ އެމުއާރުއެންއޭ ޓެކުނޮލޮޖީ ބޭނުންކުރި ނަމަވެސް ކިޔޯވެކް ކާމިޔާބު ނުވުމުން ދޭހަކޮށްދެނީ އައު އުފެއްދުންތައް ތަޢާރަފުކުރުމުގައި ހަރުކަށި ތަޙްލީލުތަކެއް ކުރުމުގެ މުހިންމުކަންކަމަށް އޭނާ ވިދާޅުވިއެވެ.