ޚަބަރު

ދެވަނަ ދަޢުރަކަށް ގުތެޚޭޝް ޢައްޔަންކުރަން ފާސްކޮށްފި


އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝް ދެވަނަ ދަޢުރަކަށް ޢައްޔަނުކުރުމަށް އދގެ ޢާންމު މަޖިލީހުން ފާސްކޮށްފިއެވެ.

193 ޤައުމުގެ މައްޗަށް އެކުލެވޭ އދގެ ޢާންމު މަޖިލީހުން އެ ގޮތަށް ނިންމުމުން 2027ވަނަ އަހަރާ ހަމައަށް އދގެ އެންމެ އިސް މަޤާމުގައި ހުންނަވާނީ 1995 އަހަރުން 2002ވަނަ އަހަރަށް ޕޯޗުގަލުގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ގުތެޚޭޝެވެ. 2005ވަނަ އަހަރުން 2015ވަނަ އަހަރަށް އދގެ ޙިޖުރަވެރިންނާބެހޭ އިދާރާގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވާފައިވާ ގުތެޚޭޝްގެ ދެވަނަ ދަޢުރު ފެއްޓޭނީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުއެވެ. 2016ވަނަ އަހަރު އދގެ ސެކެޓުރީ ޖެނެރަލުގެ މަޤާމާ ގުތެޚޭޝް ޙަވާލުވެވަޑައިގެންފައިވަނީ ބަން ކީ މޫނުގެ ދެވަނަ ދަޢުރު ނިމުމުންނެވެ.

ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ ގުތެޚޭޝް ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުދި އަދި ބޮޑެތި ޤައުމުތަކުގެ މެދުގައި އިތުބާރު އިތުރުކުރުންކަމަށާއި ޤައުމުތަކުގެ މެދުގައި އޮތް ތަފާތުތައް ނައްތާލައި ގުޅުންތައް ބަދަހިކުރުމަށްކަމަށެވެ.

ޢުމުރުން 72 އަހަރުގެ ގުތޭޚެޝްގެ ފުރަތަމަ ދަޢުރުގެ ތެރޭގައި ސޫރިޔާއާއި ޔަމަނުފަދަ ޤައުމުތަކަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާތަކަށް ޙައްލު ހޯދުމަށް އދން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި މިޔަންމާއާއި އިތިޔޮޕިޔާއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ޒިންމާވެސް އޮތީ އދށެވެ. ގުތޭޚެޝަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރައްވައި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުއްލަވައި ބޭފުޅެއްކަމަށެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުންވަނީ މިޔަންމާއާއި ބެލަރުސްގައި ހިންގާފައިވާ ޖަރީމާތަކާ ދެކޮޅަށް ގުތޭޚެޝް އަޑުއުފުއްލަވާފައިވާކަން ފާހަގަކޮށްފައެވެ. ކުރިއަށް އޮތް ދަޢުރުގައި އެގޮތަށް ޗައިނާއާއި ރަޝިޔާއާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކުން އިންސާނީ ހައްޤުތަކާ ދެކޮޅަށް ކުރާ ޢަމަލުތަކާ ދެކޮޅަށް އޭނާ އަޑުއުފުއްލަވާނެކަމަށް އުންމީދުކުރާކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.