ޚަބަރު

އަންނަ އަހަރުން ފެށިގެން ތައްޔާރުކުރާނީ ޕްރޮގްރާމްތަކަކަށް ބަހާލާފައިވާ ބަޖެޓެއް: ފިނޭންސް


އަންނަ އަހަރުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަކަށް ބަހާލެވިފައިވާ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިހެން ވިދާޅުވީ 2022 ވަނަ އަހަރުން 2024 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓް ތައްޔާރުކުރުމާއި ގުޅޭގޮތުން ދައުލަތުގެ އޮފީސްތަކަށް ފޮނުއްވެވި ސަރކިއުލަރއެއްގައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި ފޮނުއްވެވި ސަރކިއުލަރގައި ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން މިނިސްޓަރ
އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަމަށެވެ.

މިގޮތުން 2022 އިން 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި، ބަޖެޓު އެކުލަވާލުވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް އެކުލަވާލައި، މި އަހަރުގެ ބަޖެޓު ޕްރޮސެސްއާ ގުޅޭ މައުލޫމާތުތައް ވަނީ ދައުލަތުގެ އެންމެހާ އޮފީސްތަކަށް ހިއްސާކުރެވިފައިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ބަޖެޓު ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާއަކީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާކަމަށާއި، ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އައު މަޝްރޫޢުތައް ނުވަތަ އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެކަމަށް ފިނޭންސްގެ ސަރކިއުލަރގައިވެއެވެ.

އޮފީސްތަކުގެ ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ
މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭހެން އަދި ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެކެވެ.

މިގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންކަމަށާއި މި ޕްރޮގްރާމް އޮނިގަނޑުގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކުގެ މަޝްވަރާއާއެކު އެކުލަވާލެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މުސާރައިގެ ބަޖެޓް ތައްޔާރުކުރުމަށް ފަސޭހަކުރުމުގެ ގޮތުން މިނިސްޓްރީގައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުންގެ މުސާރައިގެ ބަޖެޓުގެ ޝީޓެއް ހިއްސާކުރެވޭނެކަމަށެވެ. އަދި އޮފީސްތަކުން
އެ ޝީޓުގައި ހިމެނޭ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް ގެންނަން ބޭނުންވާ
ބަދަލުތައް ގެންނަންވާނެކަމަށާއި،. އޮފީސް ބަޖެޓު ސްޓޭޓްމަންޓުގައި އޮފީހުގެ އެންމެ އިސްވެރިޔާ އާއި މާލީ ޒިންމާދާރުވެރިޔާ ސޮއިކުރައްވަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން ދައުލަތުގެ އެންމެހައި އޮފީސްތަކުން، ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި ހިމެނޭ އިރުޝާދުތަކާއި އަމާޒުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރުން އިސްކަންދެއްވާ
މުހިއްމު ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2022 އިން 2024 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ
ބޭސްލައިން ބަޖެޓު 12 އޮގަސް ޓު 2021 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ސުންގަޑިއަށް ބަޖެޓު ނުފޮނުއްވާ އޮފީސްތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.