ޚަބަރު

ލުބުނާނުގެ އަސްކަރިއްޔާއަށް ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދެނީ


ލުބުނާނަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އެ ޤައުމުގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ބާރުތަކުން ވަޢުދުވެއްޖެއެވެ.

ލުބުނާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން އެ ޤައުމުގެ ސިފައިންނަށް މުސާރަ ދިނުމުގައި އަސްކަރިއްޔާއިންދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ. އަސްކަރިއްޔާއަށް ބޭނުންވާ އެހެނިހެން އެހީތައް ނުލިބޭނަމަ އަސްކަރިއްޔާގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެދާނެކަމަށް އެ ޤައުމުން ބުނެއެވެ.

ލުބުނާނުގެ އަސްކަރިއްޔާއަށް އެހީ ހޯދުމަށް ފަރަންސޭސިވިލާތުން އިސްވެ އިންތިޒާމުކުރި ބައްދަލުވުމެއްގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއި ވިލާތުގެ ނުފޫޒުގަދަ ޤައުމުތަކުގެ އިތުރުން ޢަރަބި ބައެއް ޤައުމުތަކުން ބައިވެރިވެފައިވެއެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލުބުނާނުގެ އަސްކަރީ ވެރިޔާ ޖޯސެފް އައުން ވިދާޅުވީ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ލުބުނާނުގެ ސިފައިންނަށް މުސާރައިގެ ގޮތުގައި މިހާރު ދެވެނީ މަހަކު 90 އެމެރިކާ ޑޮލަރުކަމަށާއި އެ ޢަދަދުން ޢާއިލާއެއް ނުބެލެހެއްޓޭނެކަމަށެވެ.

ޤައުމުގެ ޙާލަތު ރަނގަޅު ނުވާނަމަ އަދި ސިފައިންނަށް މުސާރަ ނުދެވޭނެމަ ޤައުމުގެ ޙާލަތު ގޯހުން ގޯހަށް ދާނެކަމަށާއި އަސްކަރިއްޔާ ހިމެނޭގޮތަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ހުއްޓުމަކަށް އަންނާނެކަމަށްވެސް އެނާ ވިދާޅުވިއެވެ. ލުބުނާނުގެ އަސްކަރިއްޔާއަކީ ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތް ޔަޤީން ކޮށްދެވޭނެ ހަމައެކަނި އިދާރާކަމަށާއި ޤައުމާއި ދުނިޔޭގެ އިތުބާރު ލިބިފައިވާ އިދާރާއަކީ އެއީކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަސްކަރިއްޔާގެ މަސްޢޫލިއްޔަތުތައް ޢަދާކުރުމަށް މަގުފަހިކޮށްދިނުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ކާބޯތަކެއްޗާއި ޞިއްޙީ ސާމާނާއި އަސްކަރީ ސާމާނާއި ތެޔޮ ފޯރުކޮށްދިނުމަށް ލުބުނާނުންވަނީ އެދިފައެވެ. އެ ތަކެތީގެ އަގު އެތައް މިލިޔަން ޑޮލަރަށް އަރައެވެ. ނަމަވެސް އެ ޤައުމުގެ ސިފައިންގެ މުސާރަ ދިނުމަށް އެހީތެރިވުމަށް ސީދާ އެދިފައެއް ނުވެއެވެ. ބައްދަލުވުމުގެ ތެރެއިން ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ މާ ބޮޑު ޔަޤީންކަމެއް ޤައުމުތަކުން ދީފައެއް ނުވެއެވެ. ނަމަވެސް ބައްދަލުވުމުގެ ގިނަ ބައިވެރިންވަނީ ލުބުނާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިއަށްއޮތްތަނުގައި ބައިވެރިވާނެކަމަށް ބުނެފައެވެ. އޭގެ ތަފްޞީލެއް ދީފައެއް ނުވެއެވެ. އެހީތެރިކަން ފޯރުކޮށްދޭނީ ލުބުނާނުގެ ސަރުކާރު މެދުވެރިކޮށް ނޫންކަމަށާއި ސީދާ އަސްކަރިއްޔާއަށްކަމަށް ޤައުމުތަކުންވަނީ ބުނެފައެވެ.