ޚަބަރު

އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ، ވާދަކުރައްވަނީ ކޮން ބޭފުޅުންނެއް؟


އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެއެވެ. އީރާނުގެ ގަޑިން ހެނދުނު 7 ޖެހިއިރު ރިޔާސީ އިންތިޚާބުގެ ވޯޓުލުންވަނީ ފެށިފައެވެ. މެންދަމު 12 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެއެވެ. ނަމަވެސް އިތުރު ދެ ގަޑިއިރަށް ވޯޓުލާ ވަގުތު ދިގުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އިންތިޚާބުގެ ނަތީޖާ ލިބޭނެކަމަށް ބެލެވެނީ ޖޫން މަހުގެ 19ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އިންތިޚާބުގައި ވާދަކުރުމަށް ގިނަ ކެންޑިޑޭޓުންތަކެއް ނަން ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ގިނަ ބައެއްގެ ސިޔާސީ އަދި ދީނީ ޝަރުތުތައް ފުރިހަމަ ނުވާކަމަށް 12 މެންބަރުންގެ މައްޗަށް ހިމެނޭ އީރާނުގެ ގާޑިޔަން ކައުންސިލުންވަނީ ނިންމައިފައެވެ. އެ ކައުންސިލުގައި ތިއްބަވާ މެންބަރުންގެ ތެރެއިން 6 މެންބަރުންނަކީ އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީ ޢައްޔަނުކުރައްވާފައިވާ މެންބަރުންނެވެ. ގިނަ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެ ކައުންސިލުން ނިންމުމާގުޅިގެން އާންމުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހަނިކުރުމުގެ ސަބަބުންނާއި އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން އީރާނުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 60 މިލިޔަނަށްވުރެ ގިނަ މީހުންނަށް ލިބިފައިވި ނަމަވެސް ވޯޓުލުމަށް ނުކުންނަ މީހުންގެ ގިނަ ވާނެކަމަކަށް ނުބެލެވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތުހަމަވާކަމަށް ގާޑިޔަން ކައުންސިލުން ނިންމާފައިވަނީ ހަތް ބޭފުޅުންނެވެ. ނަމަވެސް އޭގެ ތެރެއިން ތިން ބޭފުޅުންވަނީ ނަން އަނބުރާ ގެންދަވައިފައެވެ. އެއާއެކު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދުވަނީ 4އަށް މަދުވެފައެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އީރާނުގެ 8ވަނަ ރައީސްގެ ގޮތުގައި ހޮވިވަޑައިގަންނަވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ އެ ޤައުމުގެ އުއްތަމަފަނޑިޔާރު އިބްރާހީމް ރައީސީއެވެ. އޭނާއަށް ކޮންސަވޭޓިވް ފިކުރުގެ ސިޔާސީ އިސްވެރިންގެ ތާޢީދު ވަރަށް ބޮޑަށް އޮވެއެވެ. ޚިޔާލު ހޯދުމުގެ ދިރާސާތަކުގައިވެސް ކުރީގައި އުޅުއްވަނީ ރައީސީއެވެ. އުމުރުން 60 އަހަރުގެ ރައީސީއަކީ ދީނީ ތަޢުލީމާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީއަށްފަހު އެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެކަމަށްވެސް އެންމެ ބޮޑަށް ބެލެވެނީ ރައީސީއެވެ.

2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސީވަނީ މިހާރުގެ ރައީސް ޙަސަން ރޫޙާނީއާ ދެކޮޅަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 38 އިންސައްތައެވެ. އެއީ ގާތްތަނޑަކަށް 16 މިލިޔަން ވޯޓެކެވެ. އީރާނުގެ އުއްތަމަ ފަނޑުކާރުގެ މަޤާމަށް އޭނާ އިސްކުރީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް އޭނާވަނީ ކުރައްވައިފައެވެ. އޭގެ ސަބަބުން އާންމުންގެ ތެރޭގައި އޭނާ މަޤުބޫލުވެފައިވަނީ އެފަދަ ކަންކަމާ ދެކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާގެ ވެރިކަމެއްގައި 2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ނިޔުކުލިޔަރ އެއްބަސްވުން ދަމަހައްޓަވާނެކަމަށްވެސް ރައީސީވަނީ ވިދާޅުވެފައެވެ.

އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަޤާމުގައި ވަރަށް ފަހަކާ ޖެހެންދެން ހުންނެވި ޢަބްދުއްނާޞިރު ހިންމަތީވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައެވެ. 2018ވަނަ އަހަރު ގަވަރުނަރުގެ މަޤާމަށް އިސްކުރި ހިންމަތީ އިންތިޚާބުގެ ކުރިން އެ މަޤާމުން ވަކިކުރައްވަން އީރާނުގެ ރައީސް ޙަސަން ރޫޙާނީ ނިންމެވީ ވެރިކަމަށް ވާދަކުރައްވައި ބޭފުޅަކު ގަވަރުނަރުގެ މަޤާމުގައި ހުންނެވުމުން މާލީ ކަންކަމަށް އަސަރުކޮށް ފައިސާގެ އަގާއި ސިޔާސަތުތަކަށް އަސަރުކުރާނެކަމަށް ވިދާޅުވެއެވެ. އީރާނަށް އިޤްތިޞާދީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޤައުމުގެ ޙާލަތު އެ މިންވަރަށް ގޯސްވީ އުމުރުން 64 އަހަރުގެ ހިންމަތީގެ ސަބަބުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރައްވާފައިވާ ހިންމަތީވަނީ އާމްދަނީއަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދަމުންދާ ޢާއިލާތަކަށްދޭ އެހީތެރިކަން އިތުރުކުރައްވާނެކަމަށާއި ޤައުމުގައި ތަކެތީގެ އަގު އުފުލޭ ނިޞްބަތް ދަށް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވައިފައެވެ. 2015ވަނަ އަހަރުގެ ނިޔުކުލިޔަރ އެއްބަސްވުން ދަމަހައްޓައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތާޢީދުކުރައްވައިކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ވެރިކަމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް އޭނާވަނީ ކުރައްވައިފައެވެ.

އިންތިޚާބުގައި ދެން ވާދަކުރައްވަނީ އީރާނުގެ އެކްސްޕީޑިއަންސީ ކައުންސިލްގެ އިސްވެރިޔާގެ މަޤާމުގައި 1997ވަނަ އަހަރުން ފެށިގެން ހުންނެވި މުޙްސިން ރިޒާއީއެވެ. އީރާނުގެ އިންޤިލާބީ ފައުޖުގެ ކުރީގެ އިސްވެރިޔާގެ މަޤާމުވެސް 16 އަހަރު ވަންދެން ޢަދާކުރެއްވި އުމުރުން 66 އަހަރުގެ ރިޒާއީއަކީ 2015ވަނަ އަހަރުގެ ނިޔުކުލިޔަރ އެއްބަސްވުން އުވާލުމަށް ވަކާލާތުކުރައްވައި ބޭފުޅެކެވެ. ޤައުމުގެ ފައިސާގެ އަގު އުފުލައި، ދަޢުލަތުގެ ޚަރަދުތައް ހަރުދަނާކޮށް، އާންމުންނަށް ދޭ ފައިސާގެ ސަބްސިޑީތައް ދިހަ ގުނައަށް އިތުތުކުރުމަށް އޭނާވަނީ ވަޢުދުވެވަޑައިގެންފައެވެ.

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ ޒުވާން ބޭފުޅަކީ އުމުރުން 50 އަހަރުގެ އާމީރު ޙުސައިން ގަޒީޒަދާހު ހާޝިމީއެވެ. އާންމުންގެ މެދުގައި މާ ބޮޑު މަޤުބޫލުކަމެއް ލިބިފައި ނުވާ ހާޝިމީއަކީ ގިނަ ދުވަސްތަކެއް ވަންދެން އީރާނުގެ ޤަނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޖެހިޖެހިގެން ހަތަރު ދަޢުރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ހާޝިމީވަނީ ހިނގަމުންދާ ދަޢުރުގެ ފުރަތަމަ އަހަރު މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވައިގައެވެ. އޭނާއަކީ އީއެންޓީ ޑޮކްޓަރެއްވެސްމެއެވެ. އިންތިޚާބުގެ ކުރިން ބޭއްވި ތިން ރިޔާސީ ބަހުޘުގައި ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ގިނަ ޙަމަލާތަކެއް ބަދަލުކުރި ނަމަވެސް ހާޝިމީ ފާހަގަވީ ޒާތީ ޙަމަލާތައް ނުދެއްވައި ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭނާވަނީ ސަރުކަރު ހިންގާނީ ޒުވާން ސަރުކާރަކާއެކުކަމަށް ވަޢުދުވެވަޑައިގެންފައެވެ.