ޚަބަރު

ކާބުލްގެ ވައިގެ ބަނދަރު ބަލަހައްޓައި ހިންގުމުގެ މަސްޢޫލިއްޔަތު ތުރުކީވިލާތަށް


އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވައިގެ ބަނދަރެއްކަމަށްވާ ކާބުލްގެ ވައިގެ ބަނދަރު ބަލަހައްޓައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާނީ ތުރުކީވިލާތުންކަމަށް އެމެރިކާއާއި ތުރުކީވިލާތުގެ ރައީސުން އެއްބަސްވެވަޑައިގެންފިއެވެ.

މި ހަފުތާގެ ތެރޭގައި ބޭއްވި ނޭޓޯގެ ބައްދަލުވުމުގެ ތެރެއިން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކު ސަލިވަން ވިދާޅުވީ އަފްޣާސްނިސްތާނުގެ މައްސަލައާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އެމެރިކާގެ އަސްކަރީ ފައުޖުތައް އަންނަ ސެޕުޓެންބަރު މަހުގެ ތެރޭގައި އަފްޣާނިސްތާނުން ފޭބުމުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޚާރިޖީ ވަފުދުތަކުގެ މަސައްކަތަށް މުހިންމު ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމަށް އެމެރިކާގެ ފަރާތުން ތުރުކީވިލާތަށް ބޭނުންވާ އެހީތެރިކަން އުރުދުޣާން ފާހަގަކުރެއްވިކަމަށާއި އެ އެހީތެރިކަން ދިނުމަށް ބައިޑަން އެއްބަސްވެވަޑައިގެންނެވިކަނަށް ސަލިވަން ވިދާޅުވިއެވެ. އެ ކަންކަން ހަމަޖައްސައި ތަންފީޒުކުރާނެ ގޮތަކާ ގުޅޭގޮތުން ދެ ޤައުމުން އިތުރު މަޝްވަރާތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުން ރަޝިޔާގެ އެސް-400 ދިފާޢީ ނިޒާމު ގަތުމުން އެމެރިކާއާއި އެ ޤައުމާ ދެމެދު އޮންނަ ގުޅުންވަނީ ނުތަނަވަސްވެފައެވެ. ދެ ޤައުމުގެ ރައީސުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އެ މައްސަލައަށް ޙައްލެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލައާ މެދު ކުރިއަށްދާނެ ގޮތެއް ނިންމުމަށް އިތުރު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ސަލިވަން ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ފައުޖުތައް ބާލަންޖެހެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އެ ތާރީޚު ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހަށް ފަސްކުރައްވައިފައެވެ. އެ ނިންމުމުގެ ސަބަބުން ޠާލިބާން ޖަމާޢަތުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ތުރުކީވިލާތުގެ ފައުޖުތައްވެސް އެ ޤައުމުން ފައިބަންޖެހޭކަމަށް މިދިޔަ ހަފުތާގެ ތެރޭގައި ޠާލިބާނުންވަނީ ބުނެފައެވެ. ޠާލިބާނުން އެހެން ބުނި ނަމަވެސް އެމެރިކާއިން ޢަމަލުކުރުމަށް ނިންމާފައިވާ ޙިކުމަތްތެރި ރޭވުންތަކަށް އަސަރު ނުކުރާނެކަމަށް ސަލިވަން ވިދާޅުވިއެވެ.