ޚަބަރު

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ކުޑަކުދިންތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: އެޗްއާރުސީއެމް


އަފްޣާނިސްތާނުގެ ޖަލެއްގައި ތާށިވެފައި ތިބި ދިވެހި 4 ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިމަސައްކަތްކުރަމުން އަންނަކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.

އަފްޣާނިސްތާނުގެ އައިސިސް ޖަމާޢާތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ދިވެހި ދެމަފިރިންނާއެކު އެ ދެމީހުންގެ 4 ކުދިންވެސް ތިބީ ޖަލުގައެވެ. މިވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއުމާއި ގުޅިގެން އެޗްއާރްސީއެމުން ނެރެނު ބަޔާނެއްގައި ބުނީ މިކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އެކޮމިޝަނުން ވިދާޅުވީ ދިވެހި ކުދިންތަކެއް އަފްޣާނިސްތާނުގެ ޖަލެއްގައި ތިބިކަން ދިވެހި ދައުލަތަށް އެނގުމާއެކު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިކަމަށާއި އެކަމުގައި އޭރު އަފްޣާނިސްތާނުގެ ސަރުކާރުންވެސް އެއްބާރުލުން ދިންކަމަށެވެ. އެހެންނަމަވެސް އޭރު ކުދިންގެ ޢާއިލާއިން އެއްބަސްނުވެގެން ކުދިން ރާއްޖެ ގެނައުމަށް ކުރި މަސައްކަތް ހުއްޓުނުކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ. އެހެންނަމަވެސް އެއްވެސް ކުށެއް ނެތް ކުދިންތަކެއް ޖަލުގައި ތިބެންޖެހޭތީ އެކަމަށް ޙައްލެއް ގެނައުމަށް އެޗްއާރްސީއެމުން އިސްނަގައިގެން ޢައިލާއާއި މަޝްވަރާކޮށް ކުދިން ރާއްޖެ ގެނައުމަށް ޢައިލާއިންވެސް މިހާރު އެއްބަސްވެފައިވާކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.

މިކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ހިއްސާކޮށް ކުދިން ގެނައުމުގެ މަސައްކަތް ކުރިއަށްދާގޮތް އެޗްއާރްސީއެމުން ބަލަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އެހެންނަމަވެސް ކޯވިޑްގެ ޙާލަތާއި އިތުރު ބައެއް މައްސަލަތައްވެސް ހުރުމާއެކު ކުދިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ކަމާބެހޭ މުވައްސަސާތަކުން ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައިވާކަމަށް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެޗްއާރްސީއެމުން އެދިގެން އަފްޣާނިސްތާނުގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ކުދިންގެ ޙާލަތު ބެލުމަށް ޢާއިލާއަށް ޒިޔާރަތްކޮށްފައިވާކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ. އަދި ކުދިން ތިބިތަނުން ރައްކާތެރިތަނަކަށް ކުދިން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެހެންނަމަވެސް އެޤައުމުގައި ހުރި ކުދިން ބަހައްޓާ ތަންތަނަށް ކުދިން ނެގުމުގައިވެސް ދަތިތަކެއް ހުރުމާއެކު އެކަންވެސް ކާމިޔާބުނުވާކަން ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އަފްޣާނިސްތާނުގެ އައިސިސް ޖަމާޢާތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ 21 އަހަރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓުން ޙުކުމްކޮށްފައިވަނީ ކ.މާލޭ ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢުއާއި އޭނާގެ އަނބިމީހާއެވެ. މިޢާއިލާއަށް ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުޢާމަލާތު ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާއި ޚިލާފު ވާހަކަ ފަތުރަމުންދާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.