ވިޔަފާރި

އުރީދޫ ހޯމް ބްރޯޑްބޭންޑުން ބޭނުންނުކޮށް ހުންނަ ޑާޓާ ޖެހިގެން އަންނަމަހު ލިބޭނެ

އުރީދޫ ހޯމް ބްރޯޑްބޭންޑްގައި މަސް ނިމޭއިރު ބޭނުންނުކޮށް ހުންނަ ޑާޓާ އަލުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސަދީފިއެވެ.

އުރީދޫއިން ބުނީ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޙިދުމަތް ތައާރަފްކުރީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫއިން ގެނައި ބަދަލާއެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ.

ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއްމަހުވެސް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

ޑޭޓާ ރޯލްއޯވަރގެ އިތުރުން ޑޭޓާ އެލަވަންސްއާއެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ އޮފަރއެއްގެ ދަށުން އިތުރު %20 ބޯނަސް ޑޭޓާވެސް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާންޖެހިފައިވާ މި ދަނޑިވަޅުގައި އުރޫދޫގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުންކަމަށެވެ.