ޚަބަރު

ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހޫދުއާ ހަވާލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން، އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދުއާ ހަވާލުކުރައްވައިފިއެވެ.

ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހޫދުއާއި ހަވާލުކޮށްފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ އައްޔަންކުރައްވާފައި ވަނީ، ފޮރިން ރިލޭޝަން އޮފީސްގެ ސެކްރެޓަރީގެ މަޤާމުން ވަކިކުރެއްވުމަށްފަހުކަމަށެވެ. ޞަބްރާ މި މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ ސަފީރު ފެންވަރު ނުވަތަ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީންއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޞަބްރާއަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.