މުނިފޫހިފިލުވުން

"ވިޝް ޑްރެގަން" ނެޓްފްލިކްސަށް


މިއަހަރުގެ ޖެނުއަރީމަހު ޗައިނާގައި ދައްކަން ފެށި އެނިމޭޓެޑް ފިލްމު "ވިޝް ޑްރެގަން" މިހާރު ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ. މި ފިލްމުގެ އިނގިރޭސި ވާރޝަނާއި އެކު އޮރިޖިނަލް ޗައިނީޒް ވާރޝަންވެސް މިހާރު ބެލޭނެއެވެ.

ފިލްމުގެ ވާހަކަލިޔެ ޑައިރެކްޓުވެސް ކޮށްފައިވަނީ ކްރިސް އެޕެހާންސް އެވެ. ފިލްމު ރިލީޒްކުރި ފަހުން ބެލުންތެރިންނާއި ކްރިޓިކުންގެ ބޮޑު ތަރުޙީބެއް މި ފިލްމަށް އަންނަނީ ލިބެމުންނެވެ. އެނިމޭޝަން އަދި ޓޯނަށް ޚާއްޞަކޮށް ތަޢުރީފް ލިބެމުންދާއިރު ޗައިނާގެ ސަޤާފަތްވެސް ފިލްމުން ވަރަށް ރަގަޅަށް ފެނިގެންދެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ޑިޒްނީގެ "އަލާދީން" އަދި ޑިޒްނީ ޕްލަސްއިން ދާދި ފަހުން ދެއްކި "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" އާއި އެއްގޮތްކަމެއް މި ފިލްމުގެ ވާހަކައިގައި ހުރެއެވެ. މި ފިލްމަކީ ބޭސް އެނިމޭޝަންގެ ފުރަތަމަ އެނިމޭޝަން ފިލްމަށްވާއިރު ޑައިރެކްޓަރ ކްރިސްގެ ވެސް ފުރަތަމަ ޑައިރެކްޝަން އެވެ.

98 މިނިޓްގެ މި ފިލްމު ނެޓްފްލިކްސްގައި ދައްކަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އިނގިރޭސި، ސްޕެނިޝް އަދި ޗައިނާގެ ކެންޓޯނީސް ބަހުންވެސް މިހާރު މި ފިލްމު ބަލާލެވޭނެއެވެ.