މުނިފޫހިފިލުވުން

މިފަހަރު ޝާހިދާއި އެކު ތްރިޕްތީ


"ކަހާނީ" އަދި "ބަދްލާ" ގެ ޑައިރެކްޓަރ ޝުޖޯއީ ރޯއީގެ ފިލްމަކުން ޝާހިދު ކަޕޫރު ފެނިގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ޝާހިދު އާއި ޝުޖޯއީ މި ޕްރޮޖެކްޓްގެ ވާހަކަތައް ދައްކާތާ މިހާރު ދުވަސްކޮޅެއްވެފައިވާއިރު މިހާރު ހުރިހާ ކަމެއް ނިމި ފިލްމުގެ މަސައްކަތްތައް ވަނީ ފެށުމުގެ މަގުމަތީގައިކަމުގައިވެސް ޚަބަރުތައް ބުނެއެވެ. ފިލްމަކީ ކޮން ކަހަލަ ފިލްމެއްކަން އަދި ނޭގުނު ނަމަވެސް މިއަހަރު ފިލްމު ރިލީޒް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންވިތާ ދަތް ޑައިރެކްޓްކޮށް މިދިޔަ އަހަރު ދެއްކި ތްރިލަރ ފިލްމު "ބުލްބުލް" ގެ ބަޠަލާ ތްރިޕްތީ ދިމްރީ އަކީ ފިލްމުގައި ޝާހިދުއާއެކު ލީޑް ރޯލުން ދެން ފެނިގެންދާނެ ތަރިއެވެ. ތްރިޕްތީ ފިލްމުގެ ސްކްރިޕްޓާއި ވަރަށް ގަޔާވެ ފިލްމުގެ ޝޫޓިންތައް ފަށާނެ އިންތިޒާރެއްގައި ހުރިކަމަށްވެއެވެ.

ރަންބީރު ކަޕޫރު އަނިލް ކަޕޫރު އަދި ޕަރިނީތީ ޗޯޕްރާ އާއިއެކު ކުޅޭ ފިލްމު "އެނިމަލް" އަދި ބާބިލް އާއެކު ފިލްމު "ގާލާ" އަކީވެސް ތްރިޕްތީގެ ކުރިއަށް ހުރި ފިލްމުތަކެވެ. ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާއިރު މި ފިލްމު ރިލީޒްކުރަން އަދި ތާވަލުކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރުގައެވެ.

ގޯތަމް ތިނަންނުރީގެ ސްޕޯރޓްސް ޑްރާމާ "ޖާރޒީ" ގެ ޝޫޓިންގތައް މިހާރު ނިމިފައިވާއިރު ޝާހިދު މިހާރު މަސައްކަތްކުރަމުންދަނީ ރާޖް ނިދިމޯރު އަދި ކްރިޝްނާ ޑީކޭގެ ކުރިއަށް އޮތް ވެބް ސީރީޒްގައެވެ. މީގެއިތުރުން އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ "ކަރުނާ" އަކީވެސް ޝާހިދުގެ ކުރިއަށް އޮތް ފިލްމެކެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް ކުރިއަށްގެންދާނީ ޝޫޖޯއީގެ ފިލްމަށް ފަހުގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.