ޚަބަރު

އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާއި ބެހޭގޮތުން ޝާހިދު މަޝްވަރާތައް ބާއްވަވައިފި


އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާތައް ބާއްވަވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ޚާރިޖީ ވަަޒީރު ޢަބްދުﷲ ޝާހިދު މިއަދާއި ހަމަޔަށް ވަނީ 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އދގެ މެމްބަރު ޤައުމުތަކާއެކު މަތީފަންތީގައި މަޝްވަރާތަކާއި ބައްދަލުވުންތައް ބާއްވަވަން ވައުދުވެވަޑައިގެންނެވިކަމަށެވެ. އަދި އެވަޢުދާ އެއްގޮތަށް މިހާތަނަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވައި، އެމަނިކުފާނު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

އިއްޔެ މިނިސްޓަރ ޝާހިދު ވަނީ އދގެ މެމްބަރު ޤައުމުތަކުގެ ހަތަރުބައިކުޅަ އެއް ބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަން އިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދު އާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ ވަނީ މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދް ވެސް ބައިވެރިވެވަޑައިގަތެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.