ޚަބަރު

ބޮޑެތި ހަމަނުޖެހުންތަކާއެކު ހަރުކަށި ފިކުރުގެ ޔަހޫދީން ޤުދުސްގައި ހިނގާލުމެއް ބާއްވައިފި


1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް އިސްތިޢުމާރު ކުރިކުރުން ފާހަގަކުރުމުގެ ގޮތުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އެ ސަރަޙައްދުގައި ހިނގާލުމެއް ބާއްވައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދީފާނެ ރައްދަކަށް ބިރުން އެތައް ފަހަރަކު ފަސްކުރުމަށްފަހު އިސްރާއީލުގެ އައު ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ ސަރުކާރުން ދިން ޙުއްދައާއެކު ޙައްދުފަހަނައަޅާފައިވާ ޔަހޫދީންވަނީ އެ ހިނގާލުން އެންމެ ފަހުން ބާއްވައިފައެވެ. އިސްރާއީލުގެ ދިދަތައް ހިފައިގެން ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އެތައް ސަތޭކަ ބަޔަކުވަނީ ޢަރަބިންނާ ދެކޮޅުވެރި ޝުޢޫރުތައް ފައުޅުކުރަމުން އިރުމަތީ ޤުދުސްގައި ހިނގާލުން ބާއްވައިފައެވެ.

ހިނގާލުން ބޭއްވުމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޙައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ހިނގާލުމާ ދެކޮޅަށް ނުކުތް ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ބާރުގެ ބޭނުންކޮށް ލާއިންސާނީ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި ފަސް މީހުން ޒަޚަމުވެފައިވާކަމަށް ފަލަސްޠިނުގެ ރެޑު ކުރެސެންޓުން ބުނެފައިވެއެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ 6 މީހުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހައްޔަރުކޮށްފައިވެއެވެ.

މަސްޖިދުލް އަޤްޞާ ހުންނަ އަލްބަލްދާ އަލްޤަދީމާ ސަރަޙައްދަށް ޙައްދުފަހަނައަޅާފައިވާ ޔަހޫދީން ވަދެގަންނަނީ / ވީޑިޔޯ: އަލްޤަސްޠަލް

އޭގެ އިތުރުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ވަންނަން އޮންނަ ދޮރާށިވެސް ތަޅުލައިފައެވެ. އެއާއެކު އަޤްޞާގެ ޙުރުމަތް ކެނޑުމަށް ޙައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ހުއްޓޭނެ ގޮތްވަނީ ނުވެފައެވެ.

ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ދުއްރުރާތައް އިތުރުވެފައިވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގެ ސިލްވާނުގައި ދިރިއުޅޭ 120 އާއިލާ މަގުމަތިކުރުމަށްފަހު އެ ސަރަޙައްދުގައި ޔަހޫދީންގެ ދީނީ ޕާކެއް އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެ ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ 1،500 މީހުން މަގުމަތިވާނެއެވެ. އޭގެ އިތުރުން އިރުމަތީ ޤުދުސްގެ ޝޭޚް ޖައްރާޙުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ނެރުމަށްވެސް ޔަހޫދީ ދަޢުލަތުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތަކުންވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރިވުން މަނާކޮށްފައެވެ. އަދި އެއީ އިސްރާއީލުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައެއްވެސް ނުގަނެއެވެ. ނަމަވެސް ޔަހޫދީން މަސައްކަތް ކުރަނީ ޤުދުސަކީ އެ މީހުންގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.