ޚަބަރު

ހަރުކަށިފިކުރުގެ 5 މީހަކު ދޫކޮށްލަން ކުރި އަމުރު ބާތިލުކޮށްފި


ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ދަށު ކޯޓުންކުރި އަމުރުތައް ހައިކޯޓުން ބާޠިލުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ މިއަދު ނިންމަވާފައިވާކަމަށެވެ.

މިމައްސަލާގައި ހައިކޯޓުން ނިންމެވީ އެ 5 މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާޠިލު ކަމަށްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މިއާއެކު މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އެ 5 މީހުން ބަންދުގައި ބެހެއްޓުމަށް ހައި އެކޯޓުން ވަނީ މުއްދަތު ދީފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީން 9 މީހަކު ހައްޔަރުކުރީ މިދިޔަ 15 ވަނަ ދުވަހުގެރޭގަވެ.

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

މިއޮޕަރޭޝަންތަކުގައި ވަނީ ހަރުކަށި ފިކުރު ފެތުރުމުގައި ބޮޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތުހުމަތުގައި މާލެއިންވެސް މީހަކު ހައްޔަރުކޮށްފައެވެ. އަދި މިމީހާގެ ބަންދަށް ވަނީ 15 ދުވަސްވެސް ޖަހާފައެވެ. މީގެ އިތުރަށް ހުޅުމާލެއިންނާއި ބ.ދަރަވަންދޫންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.