މުނިފޫހިފިލުވުން

ރިސްކުގަ ނެގި ދެރިޔާގެ 28 އަހަރު ކުރީގެ ހަނދާންތަކެއް

ކާމިޔާބު ދިވެހި ފިލްމު "ދެރިޔާ"ގެ މުހިއްމު ހަނދާންތަކެއް ފިލްމުގެ ޑައިރެކްޓަރ މުހައްމަދު ނިޔާޒް (ޓެޑްރީ) މިވަނީ އެ ފިލްމުގެ ފޭނުންނަށް ދޫކޮށްލާފައެވެ.

1994 ވަނަ އަހަރު ރިލީޒްކުރި "ދެރިޔާ" އަކީ އެ ފިލްމަކާއި އެކު ދިވެހި ފިލްމީ މަސްރަހު މުޅިން ބަދަލުކޮށްލި ފިލްމެކެވެ. އަދި އޭރު ދިވެހި ފިލްމުތައް ހަދަމުންދިޔަ ސްޓައިލާއި ވައްޓަފާޅިއަށްވެސް "ދެރިޔާ" ރިލީޒްވުމާއިއެކު ބަދަލުތައް ގެންނަ ޕްރޮޑިއުސަރުން މަޖްބޫރުވިއެވެ.

ޓެޑްވަނީ މި ފިލުމްގެ ޝޫޓިންތަކުން މީގެ 28 އަހަރު ކުރީގެ ބައެއް ފޮޓޯތައް އެނާގެ ޓްވިޓަރގައި ދައްކާލާފައެވެ. އެ މަންޒަރުތަކަކީ ފިލްމުގައި ހިމެނޭ ރީތި ލަވަތަކުގެ ތެރެއިން " މަގެ ޝާނު ވެލީ ހިނދު ހިނތުންވުން " ނެގުމަށް ކުރަމުން ދިޔަ މަސައްކަތެވެ. ލަންކާގެ ނޫވަރަ އެލިޔާގައި ވޯޓަރފޯލެއްގެ ތެރޭގައި ޕްރޮޑަކްޝަން ޓީމާއި ފިލްމުގެ ބައެއް ކާސްޓުން އެކުގައި މަސައްކަތް ކުރާތަން މި ފޮޓޯތަކުން ފެނެއެވެ.

މިކަހަލަ ވޯޓަރފޯލްތަކުގައި ފެން ދައުރުކުރާ ހިސާބަކީ އާއްމުކޮށް ވަރަށް ކަހާލައިގެން މީހުން ވެއްޓޭ ހިސާބުތަކެއް ނަމަވެސް ފޮޓޯތަކުން ފެންނަނީ ކެމެރާއި ކެސްޓް ޕްލޭޔަރ ހިފައިގެން ލަވައިގެން މަންޒަރުތައް ނަގަން އެކަހަލަ ހިސާބެއްގައި ޓީމުގެ ޕްރޮޑަކްޝަން ޓީމު އުޅޭ ތަނެވެ. ވޯޓް ޕްރޫ ކެސެޓް ޕްލޭޔަރެއްތޯ އަހާ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެޑްރީ ބުނީ ލަވަ ނަގައިފައިވަނީ ހުރިހާ އިކްވިޕްމެންޓެއް ރިސްކުގެ ތެރެއަށް ދޫކޮށްލައިގެންކަމަށެވެ.

ތެދެކެވެ. މުޅިން ތަފާތު މަންޒަރުތަކާއި އެކީ ރިސްކު ނަގާ މުޅިން އައު ތަރިންތަކެއް ހިމަނާގައި މުހައިމިން ޕްރޮޑިއުސްކޮށް ޓެޑްރީ ޑައިރެކްޓްކުރި ދިވެހި ފިލްމު "ދެރިޔާ" ވެގެންގޮސްފައި ވަނީ ދިވެހި ފިލްމީ ތާރީހު ބަދަލުކޮށްލި ފިލްމަކަށެވެ. އޮލިމްޕަހުގެ ސްކްރީނުން ފިލްމި ނެގީ ހައުސްފުލް ކާމިޔާބު 30 ޝޯ ދެއްކުމަށްފަހުއެވެ. ބައެއް މީހުން ސިފަކުރާ ގޮތުން " ދެރިޔާ" އަކީ ދިވެހި ސިނަމާތަކުގެ " ޝޯލޭ " އެވެ.

އަލީ ޚާލިދާއި ހައްވާ ޒާހިރާ ލީޑްރޯލުން ފެނިގެންދިޔަ މި ފިލްމުގައި ކޮއްޔަ ހަސަން މަނިކާއި މަރިޔަމް ވަހީދާއާއި ހައްވާ ރިޔާޒާއާއި އާރިފާވެސް މުހިއްމު ރޯލަތަކުން ފެނިގެންދިޔައެވެ. އަދި މި ފިލްމުވަނީ އެހަރުގެ ޤައުމީ އެވޯޑުން 8 އެވޯޑް ހާސިލުކޮށްފައެވެ. އޭގެތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރެސް އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ހިމެނެއެވެ.

ދިވެހި މިއުޒިކްގައި 90ގެ އަހަރުތަކުގައި ރަނިކަންކުރި ފަޒީލާ އާމިރުގެ ފެށުމަކީވެސް ވެސް ދެރިޔާއެވެ. ދެރިޔާއަށް އޭނާ ކިޔާދިން ލަވަތަކާއިއެކު އޭގެ ފަހުން އޭނާ ވަނީ އެ ދުވަސްވަރު ނުކުތް ހުރިހާ މަޝްހޫރު އަލްބަމްތަކަށް ލަވަކިޔާދީފައެވެ. އަދި މިފިލްމުގައި އަމިއްލަ ރާގުތަކަށް ހިމެނިގެންދިޔައިރު އެރާގުތަކަކީ މިއަދުވެސް ގިނަ ބައެއްގެ މަދުގައި މަޤްބޫލް ލަވަތަކަކެކެވެ.

ފިލްމު "ދެރިޔާ" ގެ ފޭނުންނަށް އެ ފިލްމުގެ ޕްރޮޑިއުސަރ ދާދިފަހުން ވަނީ އުފާވެރި ހަބަރެއް ދީފައެވެ. އެއީ ފިލްމުގެ ދެވަނަ ބައެއް ނެރުމުގެ ވިސްނުމުގައި އެ މަސައްކަތް ކުރަމުން އަންނަ ވާހަކައެވެ.