ޚަބަރު

އެފްޑީއައި ޕޮލިސީއަށް ގެނައި ބަދަލު އަނބުރާ ގެންދަން އިދިކޮޅުން ސަރުކާރަށް ގޮވާލައިފި


ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލަކީ ރާއްޖޭގެ މިނިވަންކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިފަކޮށްފިއެވެ.

ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލާއެކު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް މިހާރު ރާއްޖޭގައި އެއަރ ޓްރާންސްޕޯޓް ޚިދުމަތް ދިނުމަށް އެއަރޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެއެވެ. އަދި ސަރުކާރުގެ ހުއްދަ ލިބިގެން ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި 50 އަހަރުގެ މުއްދަތަށް އެއަރޕޯޓް ހިންގޭނެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވީ ކުރިން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ 75 އިންސައްތައަށް ކަމަށް އުސޫލުގައި އޮތްނަމަވެސް މިގެނައި އިސްލާޙާއެކު ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި 100އިންސައްތައަށް އިންވެސްޓްކުރެވޭ ގޮތަށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ މައި އެއަރޕޯޓު ބޭރުގެ ކުންފުންޏަކާއި ހަވާލުކުރުމުންވެސް ތަފާތު މައްސަލަތަކެއް ދިމާވެ އަނބުރާ ސަރުކާރަށް ނަގައި ބަދަލުގެ ގޮތުގައި އެތައް ފައިސާއެއް ޚަރަދުކުރަން ޖެހުނުކަމަށާއި، އެހެންކަމުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލު އަނބުރާ ގެންދިއުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެއަރޕޯޓްތަކުގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރުގެ ބަޔަކަށްދޭން އުޅޭކަމަށް ވިދާޅުވެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ދެކޭގޮތް ހާމަކޮށްފައިވާއިރު، ރާއްޖޭގެ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލާއެކު އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލްވަނީ ދޮގުކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށެވެ.

ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ ދައުލަތުންކަން ފާހަގަކުރައްވަމުން މިނިސްޓަރވަނީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމުގައިވީ ނަމަވެސް އެ އެއަރޕޯޓު ހިންގާނީވެސް ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުންކަމަށް ވިދާޅުވެފައެވެ.