ޚަބަރު

ރާނީ އެލިޒަބެތާ ބައްދަލުވުމުން މަންމާފުޅުމަތިން ވަރަށް ހަނދުމަވި: ބައިޑަން


އިނގިރޭސިވިލާތުގައި ބޭއްވި ޖީ7ގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދެމަފިރިކަނބަލުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތާ ބައްދަލުކުރައްވައިފިއެވެ.

ރާނީ އެލިޒަބެތު ދިރިއުޅުއްވާ ވިންޑުސޯ ކާސަލުގައި ބޭއްވި ބައްދަލުވުމުގައި ބައިޑަންނާއި އަނބިކަނބަލުން ޖިލް ބައިޑަންވަނީ ރާނީއާއެކު ސައިބައްލަވައިފައެވެ. އެ ބައްދަލުވުމަށްފަހު ބައިޑަން ވިދާޅުވީ ރާނީއާއެކު ހޭދަކުރެއްވި ވަގުތުކޮޅުގައި އަމިއްލަ މަންމާފުޅުމަތިން ވަރަށް ބޮޑަށް ހަނދުމަވިކަމަށެވެ. ރާނީގެ ސިފަފުޅާއި އެ ކަމަނާގެ އުޅުމުންވެސް މަންމާފުޅާ އެއްގޮތް ކަންތައްތަކެއް ފާހަގަވެވަޑައިގެންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުންގެ މެދުގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވުނުކަމަށް ބައިޑަން ވިދާޅުވިއެވެ. އެ ގޮތުން ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންނާ ގުޅޭގޮތުން ރާނީ ސުވާލުކުރެއްވިކަމަށް ބައިޑަން ވިދާޅުވިއެވެ. އެމެރިކާއަށް ޒިޔާރަތްކުރެއްވުމަށް ރާނީއަށް ދަޢުވަތު އެރުވިކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ބައިޑަންނަކީ ރާނީ އެލިޒަބެތުގެ ގަނޑުވަރުގައި އެ ކަމަނާއާ ބައްދަލުކުރެއްވި އެމެރިކާގެ ހަތަރުވަނަ ރައީސެވެ. މީގެ ކުރިން 2018ވަނަ އަހަރުގެ ތެރޭގައި ޑޮނަލްޑު ޓުރަންޕުގެ ދެމަފިރިކަނބަލުންނާއި 2016ވަނަ އަހަރުގެ ތެރޭގައި ބަރަކް އޮބާމާގެ ދެމަފިރިކަނބަލުންނާއި 2008ވަނަ އަހަރުގެ ތެރޭގައި ޖޯޖު ޑަބުލިޔު ބުޝްގެ ދެމަފިރިކަނބަލުންނާއި 1982ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑު ރޭގަންގެ ދެމަފިރިކަނބަލުންނާ ރާނީ އެލިޒަބެތުވަނީ ވިންޑުސޯ ކާސަލްގައި ބައްދަލުކުރައްވައިފައެވެ. ރާނީކަމުގެ ތަޚުތުގައި އެ ކަމަނާ ހޭދަކުރައްވާފައިވާ 69 އަހަރުގެ ތެރޭގައި އެމެރިކާގައި ރައީސްކަންކުރެއްވި 14 ރައީސުންގެ ތެރެއިން 13 ރައީސުންނަށް އެ ކަމަނާއާވަނީ ބައްދަލުވެވަޑައިގެންފައެވެ.

ޖީ7 ބައްދަލުވުމުގެ ހަވާސާގައި ރާނީވަނީ ބައިޑަން ހިމެނޭގޮތަށް 7 ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެއީ މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި ރާނީގެ ފިރިކަލުން ޕުރިންސް ފިލިޕު އަވަހާރަވިފަހުން ޝާހީ ޢާއިލާއިން އެފަދަ ޙަރަކާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.