ޚަބަރު

ދިއްލީގައި އަލިފާނުގެ ޙާދިޘާއެއް ހިނގައި ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުންގެ ގެދޮރު ގެއްލިއްޖެ


އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގައި އެތައް ސަތޭކަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

ނިޔު ދިއްލީގެ ދެކުނުގައި އޮންނަ މަދަންޕޫރު ޚާދަރުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދުގައި އަލިފާން ރޯވީ ޖޫން މަހުގެ 12ވަނަ ދުވަހުގެ ރޭ 11:30ހާއިރެވެ. މިއީ 2018ވަނަ އަހަރުގެ ފަހުން އެ ސަރަޙައްދުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ދެވަނަ ފަހަރެވެ. އަލިފާނުގެ ޙާދިޘާގައި 55 ޖިފުޓިވަނީ އަނދައި ހުލިވެފައެވެ. އެ ހާދިޘާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައެއްވެސް ނުވެއެވެ. އަލިފާން ނިއްވުމަށް ޚާއްޞަ 15 އުޅަނދު ބޭނުންކޮށްގެން ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ 6 ގަޑިއިރުފަހުންނެވެ.

ޞިއްޙީ އެހީތެރިކަން ބޭނުންވާ މީހުން ކައިރި ހަސްފަތާލުތަކަށް ގެންގޮސްއަލިފާނުގެ ހާދިޘާގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތިވަނީ ފޯރުކޮށްދީފައެވެ. އެ މީހުން ދިރިއުޅޭނެ ވަގުތީ ޙިޔާތަކެއް ހަމަޖެއްސުމަށް ސަރުކާރާ ގުޅިގެން ހިޖުރަވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ބެލެވޭ ގޮތުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދުގައި އަލިފާން ރޯވީ ކަރަންޓުގެ މައްސަލައެއް ދިމާވެގެންނެވެ. ނަމަވެސް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި ބަޔަކު ގަސްތުގައި ޖިފުޓިތަކުގައި ރޯކޮށްލީއެވެ. ހިންދޫންނަށް ނިޞްބަތްވާ މީހުން މީގެ ކުރިންވެސް އެ ސަރަޙައްދުގައި އަލިފާން ރޯކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ތުޙްމަތުކުރެވެއެވެ.

އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި 40،000އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންނެވެ. އދންވަނީ އޭގެ ތެރެއިން ބައެއް މީހުންނަށް ހިޖުރަވެރިންގެ ކާޑު ދޫކޮށްފައެވެ. އެ ކާޑު އޮންނަ މީހުންނަށް ޒަރޫރީ ޚިދުމަތްތައް ހޯދުމަށް ފަސޭހަވެއެވެ. އަދި އެ މީހުންނާ ދެކޮޅަށް ފުލުހުންނަށް ފިޔަވަޅެއް ނޭޅޭނެއެވެ.