ޚަބަރު

ސައިބަރ ޙަމަލާ ދިނުމާއި ކެމިކަލް ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް ރަޝިޔާއަށް ގޮވާލައިފި


ސައިބަރ ޙަމަލާތައް ދިނުމާއި ކެމިކަލް ހަތިޔާރުތައް ބޭނުންކޮށްގެން ޙަމަލާތައް ދިނުން ރަޝިޔާއިން ހުއްޓާލުމަށް ޖީ7ގެ ޤައުމުތަކުން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލުގައި ބޭއްވި ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖީ7ގެ އިސްވެރިންގެ ބައްދަލުވުމަށްފަހު އެ ޤައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައިވަނީ ހަމަޖެހުން ގެއްލޭފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ރަޝިޔާގެ ސަރަޙައްދުތަކުގައި ދީފައިވާ ކެމިކަލް ޙަމަލާތައް ދެފުށް ފެންނަ ގޮތަކަށް ތަޙްޤީޤުކުރުމަށްވެސް ޖީ7ގެ ޤައުމުތަކުން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.

އިންޓަނެޓު މެދުވެރިކޮށް ސައިބަރ ޙަމަލާތައް ދެމުންދާކަމުގެ ތުޙްމަތުތައް ހުޅަނގުގެ ބޮޑެތި ބާރުތަކުން ރަޝިޔާގެ މައްޗަށް ކުރެއެވެ. ޖީ7ގެ ބަޔާނުގައިވަނީ އެފަދަ ޙަމަލާތައް ހުއްޓުވުމަށް ރަޝިޔާއިން މަސައްކަތްކުރުމަށް ބާރުއަޅާކަމަށް ބުނެފައެވެ. ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން އެއްބަސްވާނަމަ ސައިބަރ ޙަމަލާތައް ދެމުންދާ މީހުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރުމަށް ތައްޔާރުކަމަށެވެ.

ތިން ދުވަހުގެ މުއްދަތައް އިނގިރޭސިވިލާތުގައި ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންކަމުގެ ތެރޭގައި ޗައިނާއާއި ރަޝިޔާއިން ހިންގަމުންދާ ނޭދެވޭ ޢަމަލުތަކާއި އެ ދެ ޤައުމުގެ ނުފޫޒާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ.