ޚަބަރު

މިއީ ކުޑަ ޖަމާޢަތަކުން ދުނިޔެ ބައްޓަންކުރަންޖެހޭ ޒަމާނެއް ނޫން: ޗައިނާ


މިއީ ކުޑަ ޖަމާޢަތަކުން ދުނިޔެ ބައްޓަންކުރަން މަސައްކަތްކުރަންޖެހޭ ޒަމާނެއް ނޫންކަމަށް ބުނެ ޗައިނާއިން ޖީ7ގެ ޤައުމުތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލުގައި ބޭއްވި ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖީ7ގެ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ބަދަލުވަމުންދާ ދުނިޔެއެއްގައި ދީމިޤްރާޠީ ޤައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ ހުދުމުހުތާރު ވެރިކަންތަކާ ދެކޮޅަށް މަސައްކަތްކުރުމަށްކަމަށެވެ. އަދި އެއީ ޗައިނާފަދަ ވަކި ޤައުމަކާ ދެކޮޅަށް ތެދުވުން ނޫންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އަދި ޗައިނާއާ ދެކޮޅަށް ކުރިމަތިލުމަކަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވި ނަމަވެސް ދުނިޔޭގެ ކަންކަން އިޞްލާޙުކުރުމަށް ސީދާ ޗައިނާއާ މުޢާމަލާތްކޮށް ނުވަތަ ފިޔަވަޅުއަޅަންޖެހޭ ޙާލަތްތައް އަތުވެދާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތައް އިނގިރޭސިވިލާތުގައި ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަންކަމުގެ ތެރޭގައި ދުނިޔޭގައި ފެތުރެމުންދާ ޗައިނާގެ ނުފޫޒާ ދެކޮޅަށް ޖީ7ގެ ޤައުމުތަކުން މަސައްކަތްކުރުން ހިމެނެއެވެ. ޚާއްޞަކޮށް ފަޤީރު ޤައުމުތަކުގައި ޗައިނާގެ ނުފޫޒާއި އިޤްތިޞާދީ ބާރުވެރިކަން ފެތުރުމަށް ހިންގަމުންދާ ޢުމުރާނީ އަދި ތަރައްޤީގެ މަޝްރޫޢުތަކާ ވާދައަށް ޖީ7ގެ ޤައުމުތަކުން މަސައްކަތްކުރުމަށްވަނީ ނިންމައިފައެވެ. އަދި ޗައިނާގެ ނުފޫޒާއި ވިޔަފާރި ފުޅާކުރުމުގެ ގޮތުން ތަންފީޒުކުރަމުންދާ ބެލްޓު އެންޑު ރޯޑު އިނީޝިޔޭޓިވަށްވުރެ ވަރުގަދަ މަޝްރޫޢެއް އެކުލަވާލުމަށް އެމެރިކާއިންވަނީ މަސައްކަތް ފަށައިފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މިއީ ޖީ7ފަދަ ކުޑަ ޖަމާޢަތަކުން ދުނިޔެ ބައްޓަންކުރަން މަސައްކަތްކުރަންޖެހޭ ޒަމާނެއް ނޫންކަމަށާއި އެ ޤައުމުން އިސްކަންދެނީ ކުދި އަދި ބޮޑެތި ޤައުމުތަކާއި މުއްސަނދި އަދި ފަޤީރު ޤައުމުތަކުން މަޝްވަރާކޮށްގެން ތަންފީޒުކުރާނެ ސިޔާސަތުތަކެއް ކަނޑައެޅުމަށްކަމަށެވެ.

ދުނިޔޭގެ ގަދަ ބާރަކަށް ޗައިނާވުމަކީ ހުޅަނގުގެ ޤައުމުތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ޗައިނާގެ ގިނަ ސިޔާސަތުތަކަށް ޖީ7ގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ހޮން ކޮންގުގެ މިނިވަންކަން ކަށަވަރުކުރުމަށާއި ކޯވިޑް-19 އުފެދުނު ގޮތުގެ ދެފުށް ފެންނަ ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ޖީ7ގެ ޤައުމުތަކުންވަނީ ޗައިނާއަށް ގޮވާލައިފައެވެ.