ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ނިޔުކްލިޔަރ އެއްބަސްވުމަށް ޢަމަލުކުރުމާ ގުޅޭގޮތުން ބާއްވައި މަޝްވަރާ ބައްދަލުވުމުގެ 6ވަނަ ބުރު ފެށިއްޖެއެވެ.
2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި އެކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މަޝްވަރާތަކުގެ 6ވަނަ ބުރުގައި އެއްބަސްވުމުގައި ހިމެނޭ ހުރިހާ ޤައުމުތަކުންވަނީ ބައިވެރިވެފައެވެ. އެ މަޝްވަރާތައް ކުރިޔަށްދަނީ ވިޔެނާގެ ފެންވަރު ރަނގަޅު ހޮޓަލެއްގައެވެ. ނަމަވެސް އެމެރިކާއާ ސީދާ މަޝްވަރާކުރުމަށް އީރާނުން ދެކޮޅުވުމުން މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ ވަފުދު ތިބެނީ އެހެން ހޮޓަލެއްގައެވެ.
މަޝްވަރާތަކުގައި މެދުވެރިއެއްގެ މުހިންމު ދަޢުރު އަދާކުރައްވަމުންދާ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިއެއްކަމަށްވާ އެންރިކޭ މޯރާ ވިދާޅުވީ މަޝްވަރާތަކުގައި ނިންމުމަކާ ހަމައަށް އާދެވޭނެކަމަށް ޤަބޫލުކުރައްވައިކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާ ބައެއް އެހެން ފަރާތްތަކުންވަނީ އަދިވެސް ނިންމަންޖެހޭ އުނދަގޫ ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ބުނެފައެވެ. މަޝްވަރާތަކުގައި ކުރިއެރުން ލިބުނު ނަމަވެސް އެއްބަސްވާ ކަންކަން ތަންފީޒުކުރުންފަދަ މުހިންމު މަޢުޟޫތަކަށް އަދިވެސް ގޮތެއް ނިންމަންޖެހޭކަމަށް ވިލާތުގެ އިއްތިޙާދުން ބުނެއެވެ.
މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ޢައްބާސް އަރާޤުޗީ ވިދާޅުވީ ޖޫން މަހުގެ 18ވަނަ ދުވަހު ބާއްވައި އީރާނުގެ ރިޔާސީ އިންތިޚާބުގެ ކުރިން މަޝްވަރާތައް ނިންމާލެވޭނެކަމަށް ނުބެލެވޭކަމަށެވެ.