ޚަބަރު

ކުޑަކުދިންނަށް ވެކްސިން ދިނުމަށް ސުޕަޓުނިކުން ސްޕްރޭއެއް އުފައްދައިފި


ކޯވިޑް-19އާ ދެކޮޅަށް ރަޝިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ސުޕަޓުނިކް ވެކްސިން ކުޑަކުދިންނަށް ދިނުމަށް ޚާއްޞަ ސްޕްރޭއެއް އުފައްދައިފިއެވެ.

ސުޕަޓުނިކް ވެކްސިން އުފެއްދި ގަމާލެޔާ ކުންފުނިން ބުނީ ނޭފަތަށް ޖަހައި ސްޕްރޭ ޚާއްޞަކޮށްފައިވަނީ އުމުރުން 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށްކަމަށެވެ. ގަމާލެޔާ ކުންފުނިން ބުނީ ނޭފަތަށް ޖަހައި ސްޕްރޭއާއި ސިރިންޖު ބޭނުންކޮށްގެން ގަޔަށް ޖަހައި ވެކްސިނުގެ އެއްވެސް ތަފާތެއް ނުހުންނާނެކަމަށެވެ. އަދި ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން ސުޕަޓުނިކުގެ ސްޕްރޭ ބާޒާރަށް ނެރޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ގަމާލެޔާއިންވަނީ ކުޑަކުދިންގެ މެދުގައި އެ ސްޕްރޭ ތަޙްލީލުކޮށްފައެވެ. އެ ސްޕްރޭގެ ސަބަބުން އެއްވެސް ކުއްޖަކަށް ނޭދެވޭ އަސަރެއް ނުކުރާކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެ ތަޙްލީލުތަކުގައި ބައިވެރިވީ ކިތައް ކުދިންކަމެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ރަޝިޔާއިންވަނީ ޖަނަވާރުންނަށް ޚާއްޞަ ކޯވިޑް-19ގެ ވެކްސިންނެއްވެސް އުފައްދައިފައެވެ.