ޚަބަރު

ޖީ7ގެ ބައްދަލުވުމާ ދިމާކޮށް ފަލަސްޠީނުގެ ޙައްޤުގައި މުޒާހަރާކުރަނީ


އިނގިރޭސިވިލާތުގައި ކުރިޔަށްދާ ޖީ7ގެ ބައްދަލުވުމާ ދިމާކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.

ބައިނަލްއަޤްވާމީ އިންސާފު ޤާއިމުކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި މީހުންވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ޑައުނިން ސްޓުރީޓުގައި ހުންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ރަސްމީ ގެކޮޅު ކައިރިއަށާއި ލަންޑަނުގައި ހުންނަ އިސްރާއީލުގެ އެންބަސީ ކައިރިއަށް އެއްވެ އަޑުއުފުލައިފައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގައި ޖަރީމާތަކަށް ދެކޮޅުހަދާކަމަށްވެސް މުޒާހަރާގައި ބައިވެރިވި އެތައް ހާސް މީހުންވަނީ ގޮވާލައިފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ ލާއިންސާނީ އަނިޔާތަކަށް އިނގިރޭސިވިލާތާއި ޖީ7ގެ އެހެން ޤައުމުތަކުން ހިތްވަރު ނުދިނުމަށާއި ބައިވެރިނުވުމަށް މުޒާހަރާތަކުގައި ގޮވާލާފައިވެއެވެ.

ލަންޑަނުގައި ކުރި މުޒާހަރާތަކުގައި އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ ކުރީގެ އިސްވެރިޔާ ޖެރެމީ ކޯބީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާވަނީ އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަށް ގޮވާލައިފައެވެ. އިނގިރޭސިވިލާތުގައި އުފައްދައި ހަތިޔާރު ބޭނުންކޮށްގެން ބޭރު ޤައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން މަރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ހުއްޓުމެއް ގެންނަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިވި މުސްލިމު އެސޯސިއޭޝަން އޮފް ބުރިޓަންގެ ރައީސް ރަޤާދު އަލްތަޚްރީތީ ވިދާޅުވީ ޖީ7ގެ އިސްވެރިންނަށް މުޒާހަރާގެ ބައިވެރިން ދޭން ބޭނުންވާ މެސެޖު ވަރަށް ސާފުކަމަށާއި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި އެއާ އެއްގޮތަށް ޢަމަލުކުރުންކަމަށް ގޮވައިލުންކަމަށެވެ. މިއީ އެ ޤަވާއިދުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ދުނިޔޭގެ އިސްވެރިން ވާހަކަދައްކައި އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޤައުމުތަކުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އޭނާވަނީ ފާހަކަކޮށްފައެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ފަލަސްޠީނުގެ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރަށާއި ޞިއްޙީ މަރުކަޒުތަކަށާއި މަދަރުސާތަކަށާއި ވިޔަފާރިތަކަށާއި ކާރުޚާނާތަކަށް ޔަހޫދީންވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުރިއަށްވުރެ އިތުރުކޮށްފައެވެ. ޔަހޫދީންގެ ޢުދުވާނުތަކުގައި އެ ސަރަޙައްދުތަކުންވެސް ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޝަހީދުވެފައެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ އިތުރުން ޖީ7ގެ ބައްދަލުވުން ކުރިޔަށްދާ ކޯންވޯލުގައިވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ބޮޑެތި އެއްވުންތަކެއްވަނީ ބާއްވައިފައެވެ.