ޚަބަރު

ބައިޑަންގެ މޭސްތިރިކަމުގެ ދަށުން އެމެރިކާ އެނބުރި އަތުވެއްޖެ: މެޚްރޮން


އެމެރިކާގެ ރައީސްގެ ޖޯ ބައިޑަންގެ މޭސްތިރިކަމުގެ ދަށުން ދުނިޔޭގެ ވަރުގަދަ ބާރެއްގެ ގޮތުގައި އެ ޤައުމު އެނބުރި އައިސްފައިވާކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލުގައި ކުރިޔަށްދާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 7 ޤައުމުގެ އިސްވެރިންގެ ބައްދަލުވުމުގައި ފަރަންސޭސިވިލާތުގެ ރައީސް މެޚްރޮންގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސްވަނީ އެމެރިކާއާއި ބައިޑަންނާ ގުޅޭގޮތުން އެ މޭރުމުން ވާހަކަދައްކަވައިފައެވެ. އެއާއެކު ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ އެންމެ މުހިންމު ބައިވެރިންގެ މެދުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަށްވުރެ ބައިޑަން މަޤްބޫލުކަން ބޮޑުކަމަށް ބެލެވެއެވެ. ޓުރަންޕާއި ބައިޑަންނާ އަޅާނުކިޔުއްވި ނަމަވެސް މެޚްރޮންނާއި ޖޮންސަންވަނީ އެމެރިކާއިން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޓުރަންޕުގެ ވެރިކަމުގައި ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާ އެމެރިކާއާ ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެ، ނުތަނަވަސްވެފައެވެ. ޖީ7ގެ ބައްދަލުވުމާއި އޭގެ ފަހުން އޮންނަ ނޭޓޯގެ ބައްދަލުވުމުގައި އެމެރިކާއާއި ވިލާތުގެ ބޮޑެތި ބާރުތަކާ ދެމެދު އޮންނަ ގުޅުންތައް ހަރުދަނާކޮށް ވަރުގަދަކުރުމަށް ބައިޑަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެއެވެ.

އެމެރިކާ އެނބުރި އައީތޯ ނޫސްވެރިން ސުވާލުކުރެއްވުމުން ބައިޑަންވަނީ އެ ސުވާލަށް ޖަވާބު ދެއްވަންވާނީ ކައިރީގައި ހުންނެވި މެޚްރޮންކަމަށް އިޝާރާތްކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މެޚްރޮން ވިދާޅުވީ އެމެރިކާ އެނބުރި އައިސްފައިވާކަމަށް އޭނާ ޤަބޫލުކުރައްވައިކަމަށާއި ގުޅިގެން މަސައްކަތްކުރާނެ އެމެރިކާގެ ރައީސެއް ހުންނެވުމަކީ ވަރަށް ހިތްހަމަޖެހޭކަމެއްކަމަށެވެ. ބައިޑަންނާ މުޚާތަބުކުރައްވައި މެޚްރޮން ވިދާޅުވީ އިސްނަގައިގެން މަސައްކަތްކުރުމަކީ އެހެން މީހުންނާ ބައިވެރިވެގެން މަސައްކަތްކުރުންކަމަށެވެ.

އެ ވާހަކަތަކަށް ބައިޑަންވަނީ އެއްބަސްވެވަޑައިގެންފައެވެ. ބައިޑަން ވިދާޅުވީ އެމެރިކާ އެނބުރި އައިސްފައިވާކަމަށް އެމަނިކުފާނު ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިކަމަށާއި ކަންތައްތައް ކުރިޔަށްދަނީ ރަނގަޅަށްކަމަށެވެ. އަދި އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ ވިސްނުން އެއްގޮތްކަމަށް އޭނާ ވިދާޅުވިއެވެ. ޓުރަންޕުގެ ވެރިކަމުގައި އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި ނޭޓޯއަކީ އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި އެމެރިކާއިން ވިލާތުގެ އިއްތިޙާދަށްވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ބައިޑަން ދެއްވިއެވެ.